ބްރެޒިލުން ފީފާގެ ގަވައިދަށް އަމަލު ނުކުރި; ބޮޑު ޖޫރިމަނާއެއް އަތުވެދާނެ!
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރަސްމީ ގަވާއިދުތަކާ ބްރެޒިލްގެ ގައުމީ ޓީމުން ކަނޑައެޅިގެން ދެކޮޅު ހަދައި، ބޮޑު ކުރިމަތިލުމަކަށް މިސްރާބު ޖަހައިފިއެވެ.
މި މައްސަލަ އުފެދުނީ މެޗެއްގެ ހާފް-ޓައިމް ބްރޭކްގައި މީޑިއާތަކަށް އިންޓަވިއު ދިނުމަށް ބްރެޒިލްގެ ކުޅުންތެރިން އިންކާރު ކުރުމާ ގުޅިގެންނެވެ.
ފީފާގެ ގަވާއިދު ބުނާގޮތުން މެޗުގެ މެދުތެރެއިން މީޑިއާތަކަށް ވަގުތު ދޭންޖެހުނު ނަމަވެސް، ބްރެޒިލްގެ ހުރިހާ ކުޅުންތެރިން ވަނީ އެކަމަށް ނޫނެކޭ ބުނެފައެވެ. މިކަމާ ގުޅިގެން ނޫސްވެރިއަކު ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާއަށް އިންޒާރު ދެމުން، މި އަމަލުގެ ސަބަބުން ވަރަށް ބޮޑު މާލީ ޖޫރިމަނާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބުންޏެވެ.
Ads by BML
"އަހަރެމެން އެ ޖޫރިމަނާ ދައްކާނަން. އެކަމަކު އަހަރެމެންގެ ތެރެއިން އެކަކުވެސް މައިކް ކައިރިއަށް (އިންޓަވިއު ދޭން) ނުދާނެ،" ނޫސްވެރިޔާގެ އެ ވާހަކަތަކަށް ޖަވާބު ދެމުން ވިނީޝިއަސް ވަރަށް ސާބިތުކަމާއެކު ބުންޏެވެ.
މި ހާދިސާއިން ހާމަވެގެން ދިޔައީ ފީފާގެ ހަރުކަށި ގަވާއިދުތަކާ މެދު ބްރެޒިލްގެ ކުޅުންތެރިން ބޮޑު ހިތްހަމަނުޖެހުމެއް އޮތް ކަމެވެ. އަދި ފައިސާގެ އަދަބަކުން އެ ކުޅުންތެރިންގެ ނިންމުން ބަދަލު ނުކުރެވޭނެކަން މުޅި ދުނިޔެއަށް މިވަނީ ދައްކާލާފައެވެ.
މި މައްސަލައިގައި ފީފާއިން އަޅާނެ ފިޔަވަޅެއް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. ނަމަވެސް ބްރެޒިލްގެ މި ނިންމުމަކީ ފުޓްބޯޅައިގެ ބޮޑެތި އިދާރާތަކުން ކުޅުންތެރިންގެ މައްޗަށް ކަނޑައަޅާ އުސޫލުތަކަށް ގޮންޖަހައި، ކުޅުންތެރިންގެ މިނިވަންކަމަށްޓަކައި އެޅި ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
Ads by MACL
