ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުރަތަމަ ފަސް މަހު އެއާޕޯޓް ޓެކުހާއި ފީން ދައުލަތަށް 1.8 ބިލިއަން ރުފިޔާ

ވެލާނާ އެއާޕޯޓް ޓާމިނަލް 2 ---
ވެލާނާ އެއާޕޯޓް ޓާމިނަލް 2 ---

ރާއްޖޭގެ ވައިގެ ބަނދަރުތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސާއި ފީގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބި، މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ދައުލަތަށް 1.8 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއީ ފާއިތުވި 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 21.1 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

މި އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީއެވެ. އެގޮތުން ޖެނުއަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި އެކަނިވެސް ދައުލަތަށް 942 މިލިއަން ރުފިޔާ ވަނީ ބަލައިގެންފައެވެ. މިއީ މިދިޔަ އަހަރު ލިބުނު 774 މިލިއަން ރުފިޔާއާ އަޅާބަލާއިރު 21.6 އިންސައްތަ އިތުރު އަދަދެކެވެ.

މީގެ އިތުރުން، ވައިގެ މަގުން ރާއްޖެއިން ފުރާ މީހުންގެ އަތުން ނަގާ ޑިޕާޗަރ ޓެކްސްގެ ގޮތުގައި 928 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ލިބުނު 769 މިލިއަން ރުފިޔާއާ އަޅާބަލާއިރު 20.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ 1 މޭ 2017 ގައެވެ. އަދި އޭގެ ފަހުން، ކުރިން ނަގަމުން އައި އެއާޕޯޓް ސާވިސް ޗާޖު އުވާލުމަށްފަހު ޑިޕާޗަރ ޓެކްސް ތައާރަފުކޮށް އަމަލުކުރަން ފަށާފައިވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ.