ރަނގަޅު ކުޅުމެއް ނުދެއްކުނު؛ ބްރެޒިލް ޓީމަށް ނޭމާގެ މުހިންމުކަން މިހާރު އެނގިއްޖެ: ރޮނާލްޑޯ
މޮރޮކޯއާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި ފެނިގެންދިޔަ ދަށް ކުޅުމަށްފަހު، އެ ޓީމަށް ނޭމާގެ މުހިންމުކަން އިންތިހާއަށް ބޮޑުކަމަށް ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ ބުނެފިއެވެ.
ރޮނާލްޑޯ ބުނި ގޮތުގައި މި މެޗުން ފެނިގެންދިޔައީ ބްރެޒިލް ޓީމަށް ނޭމާ ބޭނުންނުވާ ކަމަށް ބުނާ މީހުންގެ ވާހަކަތަކުގެ ހަގީގަތް ނެތް ކަމެވެ.
"އެ މެޗު ބެލުމަށްފަހު، ބްރެޒިލަށް ނޭމާ ބޭނުންނުވާ ކަމަށް އެއްވެސް މީހަކު ބުނާ އަޑު އަހާކަށް އަހަރެން ބޭނުމެއް ނޫން. އެ ގައުމުން އުފެއްދި އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ އޭނާކަން އެ މެޗުން ވަރަށް ސާފުކޮށް ހާމަވެއްޖެ" މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.
Ads by BMLރޮނާލްޑޯ ފާހަގަކުރި ގޮތުގައި ބްރެޒިލް ޓީމު އުނދަގޫ ހާލަތްތަކުގައި އޮންނައިރު، ބޯޅައަށް އެދި ކުޅުން ކޮންޓްރޯލްކޮށް، އެއްވެސް ފުރުސަތެއް ނެތް ތަނަކުން ފުރުސަތު ތަނަވަސްކޮށްދޭނެ ކުޅުންތެރިއަކީ ނޭމާއެވެ. ގިނަ ބަޔަކު ނޭމާގެ ގޯލުތަކާއި ހުނަރަށް ފާޑުކީ ނަމަވެސް، އޭނާ އުފުލާ ޒިންމާ ވަޒަންކުރަން ގިނަ ބަޔަކު ނުކުޅެދިފައިވާ ކަމަށް ރޮނާލްޑޯ ބުންޏެވެ.
މޮރޮކޯ މެޗާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، ބްރެޒިލް ޓީމުގައި ހުނަރުވެރި ކުޅުންތެރިން ތިބި ނަމަވެސް، މެޗުގެ ރިދަމް ކޮންޓްރޯލްކޮށް އިދިކޮޅު ޓީމުގެ ޕްލޭން ބަދަލުކޮށްލަން މަޖުބޫރުކުރުވާ ފަދަ ކުޅުންތެރިއަކު ނެތް ކަމަށެވެ.
"ނޭމާ ހުރި ނަމަ މޮރޮކޯގެ ކުޅުންތެރިން ކޮންމެ ސިކުންތަކު އޭނާއާ މެދު ވިސްނާނެ،" ރޮނާލްޑޯ ފާހަގަކުރިއެވެ.
ނިންމާލަމުން ރޮނާލްޑޯ ބުނީ މޮޅު ކުޅުންތެރިއަކާއި ހާއްސަ ކުޅުންތެރިއެއްގެ ތަފާތަކީ އެއީ ކަމަށެވެ. އޭނާ ބުނި ގޮތުގައި ބްރެޒިލްގައި ހުނަރުވެރި އެތައް ކުޅުންތެރިންނެއް ތިބި ނަމަވެސް، އަދިވެސް ނޭމާ ފަދަ ދެވަނަ ކުޅުންތެރިއަކު އެ ގައުމަކަށް ނުލިބެއެވެ.
Ads by MACL
