ހިތަދޫ އުތުރު ދާއިރާގެ އާ މެންބަރު ސޯބެ ހުވާކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް އަބްދުﷲ ޞާދިގު (ސޯބެ) މިއަދު މަގާމުގެ ހުވާކުރައްވައި، މަޖިލީހުގެ މަސައްކަތްތަކާ ރަސްމީކޮށް ހަވާލުވެވަޑައިގެންފިއެވެ.
މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހުވާކުރެއްވުމަށްފަހު ސޯބެ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރައްވާނެ ކަމަށެވެ.
މި ގޮނޑި ހުސްވާން ދިމާވީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ، އޭނާގެ މެންބަރުކަމުގެ ޝަރުތު އުނިވުމާ ގުޅިގެންނެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން މިދިޔަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު ވަނީ ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ހުކުމް ކޮށްފައެވެ.
މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ފޯރިގަދަ ބައި-އިލެކްޝަންގައި ސޯބެ މި ގޮނޑި ކާމިޔާބު ކުރެއްވީ ވާދަވެރި ބޮޑު ކާމިޔާބީއަކުންނެވެ. އޭނާއަށް ވޯޓުލީ މީހުންގެ 51 އިންސައްތަ (1375 ވޯޓު) ލިބިވަޑައިގަތްއިރު، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރެއްވި އަހުމަދު ސައީދު (ސޮޑާ) އަށް ލިބިވަޑައިގަތީ 48 އިންސައްތަ (1313 ވޯޓު) އެވެ.
އައްޑޫ ސިޓީގެ މޭޔަރުކަމުގެ މަގާމު ވިދިވިދިގެން ތިން ދައުރު ފުރިހަމަކުރައްވާފައިވާ ސޯބެއަކީ ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. ނަމަވެސް މިއީ އޭނާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއްގައި ވާދަކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މި ކާމިޔާބީއާއެކު ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ މަސްރަހަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު މިހާރު 13 އަށް އިތުރުވެފައިވާއިރު، މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންގެ އަދަދު ވަނީ 74 އަށް މަދުވެފައެވެ.
Ads by MACL
