ނިދާފައި އޮތް އަންހެނަކަށް ޖިންސީ ގޯނާކުރި މީހަކު ތިން އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ދެކުނުގެ ރަށެއްގައި ނިދާފައި އޮތް އަންހެނެއްގެ ކޮޓަރިއަށް ވަދެ، އެ މީހާއަށް ޖިންސީ ގޯނާކުރި ދިވެހި ފިރިހެނަކު ތިން އަހަރަށް ޖަލަށް ލުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން މިދިޔަ ހަފުތާގައި ހުކުމް ކޮށްފިއެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން އެ މީހާގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. އެއީ ގާނޫނާ ހިލާފަށް އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއެވެ.
ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ މީހާ ވަނީ އޭނާގެ މައްޗަށް ކުރި ދެ ދައުވާއަށްވެސް އިއުތިރާފުވެފައެވެ. ކުށަށް އިއުތިރާފުވެފައިވާތީ ކޯޓުން މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
މި މައްސަލައިގެ ތެރެއިން ޖިންސީ ގޯނާގެ ދައުވާ ސާބިތުވެ، އޭނާ ތިން އަހަރު ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކުރިއިރު، އޭނާ ވަނީ ކުށަށް ވީހާވެސް ލުއި އަދަބެއް ދިނުމަށް އެދިފައެވެ. ނަމަވެސް، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި އޭނާގެ މައްޗަށް އިތުރު ތިން މަހާއި ދެ ދުވަހުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ.
Ads by MACL
