ހިޔާގެ އިތުރު ތިން ޓަވަރެއްގެ އާ ލިފްޓުތައް އާންމުންނަށް ހުޅުވާލައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ލިފްޓުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އިތުރު ތިން ޓަވަރެއްގައި ލިފްޓު ހަރުކޮށް މިއަދު ބޭނުންކުރަން ހުޅުވާލައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން އެންމެ ފަހުން މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލާފައިވަނީ ހިޔާ ޓަވަރު 13، 14 އަދި 15 ގެ ލިފްޓުތަކެވެ.
މި ބަދަލާއެކު ހިޔާ މަޝްރޫއުގެ ޓަވަރު 16 ފިޔަވައި އެހެން ހުރިހާ ޓަވަރެއްގައި އަލަށް ހަރުކުރަން ނިންމި ދެ ލިފްޓުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. މިއީ 25 ފަންގިފިލާގެ ބޮޑެތި ޓަވަރުތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ފްލެޓުތަކަށް އަރައި ފޭބުމުގައި ދިމާވަމުންދިޔަ ބޮޑެތި ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅެއްގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
އަލަށް އިތުރުކުރެވުނު މި ލިފްޓުތަކަކީ ކުރިން ހަރުކޮށްފައި ހުރި ލިފްޓުތަކާ އަޅާބަލާއިރު ޖާގަ ތަނަވަސް، ބަލިމީހުން އުފުލާ ސްޓްރެޗާ ފަސޭހަކަމާއެކު އެރުވޭނެ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އެޗްޑީސީން ބުނާ ގޮތުގައި މި އާ ލިފްޓުތަކުން އެއްފަހަރާ 21 މީހުންނަށް ދަތުރުކުރެވޭނެ ޖާގަ ލިބިގެންދާނެއެވެ.
ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫއުގެ ދަށުން ހިޔާގެ ހުރިހާ ޓަވަރެއްގައި ޖުމްލަ 32 ލިފްޓް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަށް ޖުމްލަ 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، މިހާރު ނުނިމި ހުރި ޓަވަރުގެ މަސައްކަތްވެސް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
Ads by MACL
