ވޯލްޑް ކަޕް 2026: ކޭޕް ވާޑުން ވަރުގަދަ ސްޕެއިން މޮޅުވިޔަނުދީ ހިފަހައްޓާލައި މުޅި ދުނިޔެ ސިއްސުވާލައިފި
ސްޕެއިން ގައުމީ ޓީމަކީ ފުޓުބޯޅައިގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ޓީމެވެ. 2010 ގެ ވޯލްޑް ކަޕް ޗެމްޕިއަނުންގެ އިތުރުން، އެ ޓީމަކީ ހަތަރު ފަހަރު ޔޫރޯ ކާމިޔާބުކޮށްފައިވާ ޔޫރަޕްގެ އެންމެ ކާމިޔާބު ގައުމެވެ. އެންމެ ފަހުން 2024 ވަނަ އަހަރުގެ ޔޫރޯ އާއި 2023 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބުކުރުމަށްފަހު، ސްޕެއިން މިފަހަރުގެ މުބާރާތަށް ނުކުތީ ޒުވާން ސްކޮޑަކާއެކު ތަށި ހޯދާނެ އެންމެ ފޭވަރިޓް ޓީމުގެ ގޮތުގައެވެ.
"ބްލޫ ޝާކްސް" ގެ ނަމުން މަޝްހޫރުވެފައިވާ ކޭޕް ވާޑަކީ އެންމެ ހަތަރު ލައްކަ މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ. މިއީ އެ ގައުމުގެ ތާރީހުގައި ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައިވާ ކޭޕް ވާޑުން ވަނީ މިރޭގެ މެޗުގައި އެފްރިކާގެ ފުޓުބޯޅަ ކުރިއަރަމުން އަންނަކަން ސާބިތުކޮށްދީފައެވެ.
މިރޭގެ މެޗަށް ސްޕެއިން ނުކުތީ އެޓީމުގެ ޒުވާން ތަރިން ކަމަށްވާ ލަމީން ޔަމާލް އާއި ނިކޯ ވިލިއަމްސް ބެންޗުގައި ބައިތިއްބައިގެންނެވެ. މެޗުގެ ބޮޑު ބައެއްގައި ސްޕެއިނުން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ކޭޕް ވާޑްގެ ވަރުގަދަ ޑިފެންސާއި ކީޕަރު ވޮޒީނިއާގެ ހުޝިޔާރު ސޭވްތަކުގެ ސަބަބުން ސްޕެއިނަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ޚާއްސަކޮށް ފެރާން ޓޮރޭސް ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް ވަނީ އަމާޒުވެފައެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ލަމީން ޔަމާލް ކުޅެން އެރުވުމާއެކު ސްޕެއިންގެ އެޓޭކްތައް ވަރުގަދަވިއެވެ. އޭނާ ތަނަވަސްކޮށްދިން ފުރުސަތުތަކުގައި މެރީނޯ އާއި އޮޔާޒަބާލް ފޮނުވާލި ހަމަލާތައް ވެސް ކޭޕް ވާޑުން ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފަހު މިނެޓުގައި ކޭޕް ވާޑްގެ ޑިނޭއަށް ލިބުނު ހުސް ފުރުސަތު ސްޕެއިންގެ ކީޕަރު އުނޭ ސިމޮން ވަނީ މަތަކޮށްފައެވެ.
މި ނަތީޖާއާއެކު ގްރޫޕް އެޗްގެ ވާދަވެރިކަން މިވަނީ އިތުރުވެފައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ސައުދީ އަރަބިއްޔާ އާއި އުރުގުއާއީއެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު މިރޭ ދަންވަރު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
Ads by MACL
