ޕޯޓަލް ރަނގަޅުކޮށް، ބޯހިޔާވަހިކަމަށް ފޯމު ހުށަހެޅުމުގެ މުއްދަތު މިރޭ ދަންވަރު 2:00 އަށް އިތުރުކޮށްފި
ސަރުކާރުން ކުރިއަށްގެންދާ "އެންމެންނަށް ބޯހިޔާވަހިކަން" މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހަޅާ ޕޯޓަލަށް ދިމާވި ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށްފަހު، އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި މިރޭ ދަންވަރު 2:00 އާ ހަމައަށް ހައުސިން މިނިސްޓްރީން އިތުރުކޮށްދީފިއެވެ.
މިރޭ 11:59 ގެ ނިޔަލަށް ފުރުސަތު ހަމަވާން އޮތް ނަމަވެސް، ގިނަ ބަޔަކު އެއްފަހަރާ ފޯމު ހުށަހަޅަން އުޅުމުގެ ތެރޭގައި ސިސްޓަމް ޑައުންވުމާ ގުޅިގެން މިނިސްޓްރީން ވަނީ އާންމުންނަށް ލުޔެއް ދިނުމުގެ ގޮތުން ވަގުތު އިތުރުކުރުމަށް ނިންމާފައެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކުރި ގޮތުގައި، ގްރޭޓަރ މާލެ ސަރަޙައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމަށް ޚާއްޞަކޮށްފައިވާ "ބޯހިޔާވަހިކަން" ޕޯޓަލަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ވަނީ މުޅިން ހައްލުކުރެވިފައެވެ. އަދި ފަހު ވަގުތު ފޯމު ނުލެވި ތިބި ފަރާތްތަކަށް މިހާރު އޮމާންކަމާއެކު އެޕްލިކޭޝަން ހުށަހެޅޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީން އަރުވައެވެ.
މި މަޝްރޫއުގެ ދަށުން ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ މާރިޗު މަހުގެ ކުރީކޮޅުގައެވެ. އަދި ފްލެޓަށް އެދުމުގެ ފުރުސަތު އޭޕްރީލް މަހުގެ ތެރޭގައި ހުޅުވާލާފައިވާއިރު، އެކި ސަބަބުތަކާ ހުރެ މީގެ ކުރިންވެސް ސަރުކާރުން ވަނީ ދެތިން ފަހަރެއްގެ މަތިން ފޯމު ހުށަހެޅުމުގެ މުއްދަތު ދަންމާލާފައެވެ.
މި މުއްދަތު އިތުރުކުރުމުގެ ކުރިން ހައުސިން މިނިސްޓްރީން އިއްޔެ ބުނެފައިވަނީ، ބޯހިޔާވަހިކަމުގެ ސްކީމަށް ކުރިމަތިލާން ދީފައިވާ މުއްދަތު ދެން އިތުރަށް އާނުކުރާނެ ކަމަށެވެ. ނަމަވެސް ސުންގަޑި ހަމަވާން ކުޑަތަންވެފައިވަނިކޮށް ޕޯޓަލް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ރިއާޔަތްކޮށް، ސަރުކާރުން މިވަނީ ކުއްލި ގޮތަކަށް މިރޭ ދަންވަރާ ހަމައަށް ވަގުތު އިތުރުކޮށްދީފައެވެ.
Ads by MACL
