ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދެކުނަށް ހުޅަނގު މޫސުން ފެށިއްޖެ، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެދެން: މެޓް

ދެކުނަށް ހުޅަނގު މޫސުން ފެށިއްޖެ، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެދެން: މެޓް

ދެކުނުގެ އަތޮޅުތަކަށް މިއަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރަކުރަން ފަށާފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށަނީ އާންމުގޮތެއްގައި ކޮންމެ އަހަރެއްގެ ވެސް މެއިމަހުގެ ތެރޭގައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިއަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރަ ދެކުނުގެ އަތޮޅުތަކަށް ކުރަން ފެށީ މިމަހުގެ 7ވަނަ ދުވަހުކަމަށެވެ. އެއިދާރާއިން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި ހުޅަނގު މޫސުމުގެ ވިއްސާރަކުރަން ފަށަނީ މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައިކަމަށެވެ. އަދި ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ކުރާނެކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފެށިއްޖެކަން ބެލުމަށް މިންގަނޑުތަކެއް ގެންގުޅޭކަމަށެވެ. އެގޮތުން ހުޅަނގު މޫސުމުގެ ވިއްސާރަ ފެށުނު ކަމަށް ބަލަނީ 1 މެއިގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެ އިތުރަށް ވާރޭ ވެހުމުންނެވެ. އަދި މިހާލަތު ދެ ދުވަހަށް ނުވަތަ އެއަށްވުރެ އިތުރަށް ދެމިގެން ދިޔުމަކީވެސް ހުޅަނގު މޫސުމުގެ ވިއްސާރަ ފެށުނު ކަމަށް ބަލާ މިންގަނޑެވެ.

މީގެ އިތުރުން ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރަށް ވައިޖެހުމާއި މި ހާލަތު ދެ ދުވަހަށް ނުވަތަ އެއަށްވުރެ އިތުރަށް ދެމިގެންދިޔުމަކީ ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑެކެވެ