ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލޭ ހަދިޔާކުރުމުގެ މަތިވެރި އިންސާނީ ޚިދުމަތުގައި ދެމިތިބުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ---
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ---

ލޭ ހަދިޔާކުރުމުގެ މަތިވެރި އިންސާނީ ޚިދުމަތުގައި ދެމިތިބުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފިއެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ލޭ ހަދިޔާކުރެވެން ހުރި ކޮންމެ މީހަކުވެސް އެ ފުރުޞަތުގެ ބޭނުންހިފައި، އިންސާނިއްޔަތަށްޓަކައި އެ މަތިވެރި ޞަދަޤާތް ދިނުމުގައި ދީލަތިވުމަށް އިލްތިމާސްކުރައްވާފައެވެ.

އެކަމަނާ ފާހަގަކުރެއްވި ގޮތުގައި މާލީ ގޮތުން ދީލަތިވެވެނީ ހަމައެކަނި ތަނަވަސްކަން ހުންނަ ފަރާތްތަކަށް ކަމުގައި ވީ ނަމަވެސް، އަމިއްލަ ލޭ ހަދިޔާކޮށްގެން އަނެކާގެ ފުރާނަ ސަލާމަތްކުރުމުގެ މަތިވެރި ފުރުޞަތަކީ ކޮންމެ އިންސާނަކަށްމެ ހުޅުވިފައިވާ ހަމަހަމަ ފުރުޞަތެކެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ލޭ ހަދިޔާކުރާ ބޭފުޅުންނަކީ މުޖުތަމަޢުގައި ޚާއްޞަ ޝަރަފަކާއި އިޙްތިރާމެއް ލިބެންޖެހޭ ބައެއް ކަމަށެވެ. އަދި މިފަދަ ދުވަހެއް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، އެއްވެސް ބަދަލަކާ ނުލައި އަނެކުންގެ ދިރިއުޅުމަށްޓަކައި ޖާނުން ހޭދަކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، މުޖުތަމަޢުގައި ކުލުނާއި އިންސާނީ އަޚްލާޤު އާލާކުރުން ކަމަށްވެސް އެކަމަނާ ބަޔާންކުރެއްވިއެވެ. މީގެ އިތުރުން، ލޭ ހަދިޔާކުރުމަށް ޖެހިލުންވާ ނުވަތަ ބިރުގަންނަ ފަރާތްތަކަށް ހިތްވަރުދެއްވައި، މި އަގުހުރި އިންސާނީ ޚިދުމަތުގައި ބައިވެރިވުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.

މި ހަފްލާގެ ތެރެއިން ވަނީ، ރާއްޖޭގައި ދިގު މުއްދަތަކަށް ލޭ ހަދިޔާކުރަމުންދާ ފަރާތްތަކުގެ އަގުވަޒަންކޮށް ޚާއްޞަ އެވޯޑުތަކެއް ހަވާލުކޮށްފައެވެ. އެގޮތުން ގޯލްޑް އެވޯޑުގެ އިތުރުން، މިހާތަނަށް އެންމެ ގިނައިން ލޭ ހަދިޔާކުރި ފަރާތްތަކަށްދޭ "ލައިފްޓައިމް ކޮންޓްރިބިއުޝަން އެވޯޑް" ޝަރަފުވެރި ފަރާތްތަކާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މީގެ އިތުރުން، އަލަށް ލޭ ހަދިޔާކުރަން ފެށި އުމުރުން 18 އަހަރުގެ ޒުވާނުންނަށާއި، ފާއިތުވި އަހަރު އެންމެ ގިނައިން ބްލަޑް ޑޮނޭޝަން ކޭމްޕްތައް ބޭއްވި ފަރާތްތަކަށްވެސް މި ހަފްލާގައި ހަނދާނީ ލިޔުމާއި ފިލާ އަރުވާފައިވެއެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަސް ކަމަށްވާއިރު، މިރޭ ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތުގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިސް ބޭފުޅުންނާއި، މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ ލޭ ހަދިޔާކުރާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.