ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެޗު ވީ އެއްވަރު؛ އީރާން ޓީމަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ އަނިޔާ ލިބެމުންދާ ޓީމް: އީރާން ކޯޗު

މެޗު ވީ އެއްވަރު؛ އީރާން ޓީމަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ އަނިޔާ ލިބެމުންދާ ޓީމް: އީރާން ކޯޗު

ވޯލްޑް ކަޕްގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު، އީރާނުގެ ގައުމީ ޓީމުގެ ކޯޗު އާމިރު ގަލެނޮއީ އާއި ކެޕްޓަން މެހްދީ ތަރޭމީ ވަނީ ފީފާއާއި އެމެރިކާ ސަރުކާރުން އެ ޓީމާ މެދު އަމަލުކުރަމުންދާ ގޮތާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

ލޮސް އެންޖެލެސްގައި ކުޅުނު މި މެޗު 2-2 އިން އެއްވަރުވުމާއެކު، އެއްވެސް މަޑުކުރުމެއް ނެތް ގޮތަށް ވަގުތުން އެ ސިޓީން ފުރައިގެން ދިއުމަށް އެންގުމުން ޓީމުގެ އިސްވެރިން ވަނީ އެއީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ކޯޗު ގަލެނޮއީ ބުނި ގޮތުގައި އީރާނު ޓީމަކީ މުޅި މުބާރާތުގައި ވެސް އެންމެ ބޮޑަށް "އަނިޔާ ލިބެމުންދާ" ޓީމެވެ.

"މެޗަށްފަހު އެމީހުން ބުނީ ވަގުތުން ފުރަން ޖެހޭނެ ކަމަށް. އެކަމަކު މިއަދަކީ ކުޅުންތެރިންގެ ރިކަވަރީއަށް ވަރަށް މުހިންމު ދުވަހެއް. އަހަރެމެންނަށް މަޖުބޫރު ކުރަނީ މެކްސިކޯގެ ޓިޖުއާނާގައި ހުރި ކޭމްޕަށް އަވަހަށް އެނބުރި ދާން،" ކޯޗު ކަންބޮޑުވުމާއެކު ފާހަގަކުރިއެވެ.

އޭނާ އިތުރަށް ބުނީ ޓީމުގެ މީޑިއާ އޮފިސަރުންނާއި، ފެޑެރޭޝަންގެ ރައީސް އަދި އެނަލިސްޓުންނަށް ވިސާ ނުލިބުމުގެ ސަބަބުން ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ޓީމުގެ ކެޕްޓަން މެހްދީ ތަރޭމީ ބުނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ޑްރެސިން ރޫމަށް ޒިޔާރަތް ކުރެއްވުމުން މި ހުރިހާ ޝަކުވާއެއް އޭނާއާ ހިއްސާކޮށްފައިވާނެ ކަމަށެވެ. ތަރޭމީ ފާހަގަކުރި ގޮތުގައި ޓިޖުއާނާއިން ލޮސް އެންޖެލެސްއަށް ކުރި ކުރު ދަތުރުގައި ވެސް އިމިގްރޭޝަން މައްސަލަތަކާ ހުރެ ފަސް ގަޑިއިރު ހޭދަވިއެވެ.

"މިއީ ފުޓްބޯޅައަށް ރަނގަޅު ގޮތެއް ނޫން. ވޯލްޑް ކަޕެއްގައި ކުޅުންތެރިން ތިބޭނީ ވަރަށް ބޮޑު ސްޓްރެސްއެއްގައި، އެކަމަކު އަހަރެމެންނަށް އެކަށީގެންވާ އެހީތެރިކަމެއް ނުލިބޭ،" ތަރޭމީ ބުންޏެވެ.

މެޗަށްފަހު އިންފަންޓީނޯ ދެއްކެވި ވާހަކަފުޅުގައި އީރާނު ޓީމުގެ ހިތްވަރަށް ތައުރީފު ކުރެއްވިއެވެ. އޭނާ ވިދާޅުވީ އީރާނު ޓީމުން މުޅި ދުނިޔެއަށް ވަރުގަދަ މެސެޖެއް ދީފި ކަމަށާއި، ކުރިމަތިވަމުންދާ ހުރިހާ ހުރަސްތަކަށްވުރެ އެ ޓީމުގެ އަޒުމް ވަރުގަދަ ކަމަށެވެ. ނަމަވެސް، ޓީމުގެ މެނޭޖްމަންޓުން ގަބޫލުކުރާ ގޮތުގައި މިފަދަ ލޮޖިސްޓިކަލް މައްސަލަތަކުގެ ސަބަބުން ކުޅުންތެރިންގެ ފިިޒިކަލް ފިޓްނަސްއަށް ނޭދެވޭ އަސަރުކުރާނެއެވެ.

އީރާނު ޓީމުން އެމެރިކާގެ އަރިޒޯނާގައި ކޭމްޕް ކުރަން ރޭވި ނަމަވެސް، އިމިގްރޭޝަން މައްސަލަތަކާ ހުރެ ފަހު ވަގުތު ކޭމްޕް ބަދަލުކުރަން ޖެހުނީ މެކްސިކޯގެ ބޯޑަރު ސިޓީއެއް ކަމަށްވާ ޓިޖުއާނާއަށެވެ.

އީރާނުގެ ކޯޗު ވަނީ މެކްސިކޯ ސަރުކާރާއި އެ ގައުމުގެ ރައްޔިތުން އެ ޓީމަށް ބަހައްޓާ ގާތްކަމަށް ޝުކުރު އަދާކޮށްފައެވެ. އީރާނުން ދެން އޮތް މެޗުތަކަށް ތައްޔާރުވާނީ މި ހުރިހާ ގޮންޖެހުންތަކާއެކު މެކްސިކޯގައި ތިބެގެންނެވެ.