ޖަލުން ނުކުންނަ މީހުން އަމިއްލަ ފައިމައްޗަށް ތެދުވެވުމަކީ ސަރުކާރުގެ ވިސްނުމެއް: އިހްސާން
ޖަލު ހުކުމް ފުރިހަމަކުރުމަށްފަހު މުޖުތަމަޢަށް އެނބުރި އަންނަ ފަރާތްތަކަކީ އެންމެން ބަލައިގަންނަ، އަދި އަމިއްލަ މަސައްކަތުން ދިރިއުޅުން ކުރިއަށްގެންދެވޭނެ ފަދަ ބަޔަކަށް ހެދުމަކީ މިހާރުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ އަމާޒެއް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ގައިދީންނާއި ޖަލު އޮފިސަރުންނަށް ޚާއްޞަކޮށްގެން އަލަށް ތައާރަފުކުރި 10 ކޯހެއް އިފްތިތާހުކުރުމަށާއި، ނިމުނު ޕްރޮގްރާމްތަކުގެ ބައިވެރިންނަށް ސެޓިފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ހަފުލާގައި ކަރެކްޝަންސްގެ އިސްވެރިންގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމްސްގެ މުއައްސަސާތަކުގެ މަތީ ފަންތީގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަލުގައި ތިބި 1400 އެއްހާ ކުށްވެރިންގެ ތެރެއިން، މިފަދަ ތަމްރީނުތަކުގައި އަމިއްލަ އިސްނެގުމާއެކު ބައިވެރިވެ، ފުރިހަމަ ހާޒިރީއެއް ހޯދަމުންދާ މީހުން ފެނުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ، ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފުރިހަމަކުރާ ކޮންމެ ދުވަހަކަށް ޖަލު ހުކުމުން ދުވަހެއް އުނިވާ ގޮތަށް ގާނޫނަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާފައެވެ.
އަލަށް ފެށި ކޯސްތަކުގެ ތެރޭގައި ގިރާތު ކޯހާއި، ކަރެކްޝަނަލް މެނޭޖްމަންޓްގެ ޑިޕްލޮމާ އަދި ސެޓިފިކެޓް ލެވެލްގެ ޕްރޮގްރާމްތަކުގެ އިތުރުން، ޕްރިޒަން އިންޓެލިޖެންސް، ޔުނިވަރސިޓީ ޕްރިޕްރޭޝަން، ފެހުން، ދަނޑުވެރިކަން އަދި ހައުސް ވަޔަރިން ފަދަ އަމަލީ މަސައްކަތްތައް ދަސްކޮށްދޭ ތަފާތު ދާއިރާތައް ހިމެނެއެވެ.
https://twitter.com/CorrectionsMv/status/2066567170251956488މިނިސްޓަރު އިތުރަށް ވިދާޅުވީ، ޖަލުތަކުގެ ނިޒާމު ބަދަލުކުރައްވާނީ ކޮންމެ މީހަކުވެސް ޖަލަށް ވަންނައިރު ހުރި ތައުލީމީ ފެންވަރަށްވުރެ އެއް މަރުހަލާ މައްޗަށް ގެންދެވޭނެ މަގު ފަހިވާނެ ގޮތަށް ކަމަށެވެ. އަދި ބާޒާރުގައި ޑިމާންޑް ބޮޑު ހުނަރުތައް ދަސްކޮށްދީ، ދީނީ އަގީދާ ވަރުގަދަކޮށް، އަލުން ކުށުގެ ވެއްޓަށް ނުގޮސް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ފުރިހަމަ މީހެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ދެއްކެވި ވާހަކަފުޅުގައި، ޖަލުތަކުގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ޖަލުތަކުގައި މިހާރު ކުރިއަށްދާ އިންޑަސްޓްރިއަލް މަސައްކަތްތަކަކީ އޮފިސަރުންނާއި ގައިދީންގެ ބުރަ އަދި ހީވާގި މަސައްކަތުން ކުރިއަށްދާ ކަންކަންކަން އޭނާ ފާހަގަކުރެއްވިއެވެ.
Ads by MACL
