ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުޑަކުދިން ލައްވައި ޑްރަގް ވިއްކި މައްސަލަ: އެކަކު ބަންދަށް، އަނެކަކު ދޫކޮށްލައިފި

ކުޑަކުދިން ލައްވައި ޑްރަގް ވިއްކި މައްސަލަ: އެކަކު ބަންދަށް، އަނެކަކު ދޫކޮށްލައިފި

ގއ. ވިލިނގިލީގައި ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ފުޅާ ނެޓްވޯކެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އިސްކޮށް އުޅުނު އެކަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި ހުރި އަނެއް މީހާ ކޯޓުން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.

މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ ގއ. ވިލިނގިލި، އެތެންސް، މުޙައްމަދު ޢަޠޫފް ޙަބީބް (25އ) އެވެ. އަދި ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލާފައިވަނީ އެ ރަށު ދެތަޑިމާގެ، މުޙައްމަދު ރާއިފް ޙުސައިން (20އ) އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ދެ މީހުންނަކީވެސް ކުޑަކުދިން އެކްސްޕްލޮއިޓްކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ނެޓްވޯކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ދެ ފަރާތެވެ.

މި ދެ މީހުން ހައްޔަރުކުރުމަށްފަހު ފުރަތަމަ ފަހަރަށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޢަޠޫފްގެ ބަންދަށް 15 ދުވަސް އަދި ރާއިފްގެ ބަންދަށް 10 ދުވަސް އިތުރުކޮށްދީފައެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނިންމީ ޢަޠޫފް މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ. އަދި ރާއިފްގެ ބަންދުގެ މުއްދަތު އިތުރުނުކޮށް، އޭނާ ވަނީ ދޫކޮށްލާފައެވެ.

މި ހިނގާ ޖޫން މަހުގެ އެއްވަނަ ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މި ދެ މީހުން ހައްޔަރުކުރިއިރު، އެ ރަށުގެ ހަތަރު ގެއެއް ވަނީ ފާސްކޮށްފައެވެ. އެ ބަލައި ފާސްކުރުމުގެ ތެރެއިން ޖުމްލަ 66.92 ގްރާމުގެ މަސްތުވާތަކެތި ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 53.91 ގްރާމް ބްރައުން ޝުގާގެ އިތުރުން 13.01 ގްރާމް މެތަފެޓަމިން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިއީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކުރުމަށް މީހުން ނާޖާއިޒު ގޮތުގައި ބޭނުންކުރުން ނުވަތަ އެކްސްޕްލޮއިޓްކުރުން ހުއްޓުވުމަށް ޑްރަގްާ ބެހޭ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކުގެ ދަށުން ހިންގުނު އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި މީގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް ރިއާޔަތްކޮށް، ކުށްތަކުގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީވެސް މި ހަރަކާތުގެ ބޮޑު މަގުސަދެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.