މިފަހަރުގެ ވޯލްޑް ކަޕަށްފަހު ރޮބާޓޯ މާޓިނޭޒް ޕޯޗުގަލްގެ ކޯޗުކަން ދޫކޮށްލަނީ
މިފަހަރުގެ ވޯލްޑް ކަޕަށްފަހު ޕޯޗުގަލްގެ ގައުމީ ޓީމުގެ ހެޑް ކޯޗު ރޮބާޓޯ މާޓިނޭޒް އެ މަގާމުން ވަކިވާނެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ. ގިނަ މީޑިއާ ރިޕޯޓްތަކެއް ބުނާ ގޮތުގައި، ޖުލައި މަހު އޭނާގެ ކޮންޓްރެކްޓް ހަމަވުމުން އެއްބަސްވުން އާނުކުރާނެ ކަމަށް ބެލެވެއެވެ.
މާޓިނޭޒް ނުވަތަ ޕޯޗުގީޒް ފުޓްބޯޅަ ފެޑެރޭޝަނުން މިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، މިހާރު ކުރިއަށްދާ ވޯލްޑް ކަޕް މުބާރާތަކީ ޕޯޗުގަލްގެ ބެންޗުން އޭނާ ފެންނާނެ ފަހު މުބާރާތް ކަމަށް ބެލެވޭ ފަރާތްތައް ދަނީ އިތުރުވަމުންނެވެ.
ބެލްޖިއަމްގެ ކޯޗުކަން ދޫކޮށްލުމަށްފަހު 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ޕޯޗުގަލްއާ ހަވާލުވި މާޓިނޭޒްގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. އޭނާގެ ބެލުމުގެ ދަށުން ޕޯޗުގަލް އިން ވަނީ މޮޅުވުމުގެ ރެކޯޑްތައް ރަނގަޅުކޮށް، ބޮޑެތި މުބާރާތްތަކަށް ކޮލިފައިވުމުގެ އިތުރުން، ފައިނަލުގައި ސްޕެއިން ބަލިކޮށް 2025 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ.
Ads by BMLމި ސްޕެނިޝް ކޯޗަށް މިހާރު އޮތީ ތާރީޚީ ކާމިޔާބީއަކާއެކު އޭނާގެ ދައުރު ނިންމާލުމުގެ ފުރުސަތެވެ. ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ބްރޫނޯ ފެނާންޑޭޒް، ބެނާޑޯ ސިލްވާ އަދި ވިޓީނިއާ ފަދަ ތަރިންނާއެކު ޕޯޗުގަލް ވޯލްޑް ކަޕަށް ކުރިމަތިލަނީ މުބާރާތް ކާމިޔާބުކުރާނެ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައެވެ.
މުސްތަގުބަލާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާއެކުވެސް މާޓިނޭޒްގެ ފޯކަސް ހުރީ ވޯލްޑް ކަޕަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގެ ކުރިން ވާހަކަދައްކަމުން އޭނާ ބުނީ، ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކާ ވާދަކުރުމުގެ ގާބިލުކަން އޭނާގެ ސްކޮޑުގައި އެބަހުރި ކަމަށާއި، މުބާރާތުގެ ތަށި ހޯދުމަށް ބޭނުންވާ ފެންވަރާއި ތަޖުރިބާ އަދި އިތުބާރު ޓީމުގައި އެބައޮތް ކަމަށެވެ.
މާޓިނޭޒް މަގާމުން ވަކިވެއްޖެ ނަމަ އޭނާގެ ބަދަލުގައި ގެންނާނެ ކޯޗަކާ ބެހޭ ގޮތުން ވެސް މިހާރު ވަނީ ވާހަކަތައް ދެކެވެން ފަށާފައެވެ. ބައެއް ރިޕޯޓްތަކުން ހޯސޭ މޮރީނިއޯ އާ އެ މަގާމު ހަވާލުކޮށްފާނެ ކަމަށް ބުނި ނަމަވެސް، ފެޑެރޭޝަނުން އަދި އެއްވެސް ރަސްމީ ނިންމުމެއް ނިންމާފައެއް ނުވެއެވެ.
ރިޕޯޓްތައް ބުނާ ގޮތަށް ކަންތައް ވެއްޖެނަމަ، މިފަހަރުގެ މި މުބާރާތް ވެގެންދާނީ މާޓިނޭޒްގެ ތިން އަހަރާއި ބައިގެ ދައުރުގެ ނިމުމަށެވެ. އަދި މިއީ ޕޯޗުގަލްއަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ތަށި ހޯދައިދީ، މާޓިނޭޒް އާއި ރޮނާލްޑޯގެ ކެރިއަރުގައި ވެސް ފާހަގަކޮށްލެވޭ ތާރީޚީ ބާބަކަށް ވެގެންދާނެއެވެ.
Ads by MACL
