ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: ސެނެގާލްގެ މައްޗަށް ކުރިހޯދައި އެމްބާޕޭ ފްރާންސްގެ ރެކޯޑު މުގުރާލައިފި

ވޯލްޑް ކަޕް 2026: ސެނެގާލްގެ މައްޗަށް ކުރިހޯދައި އެމްބާޕޭ ފްރާންސްގެ ރެކޯޑު މުގުރާލައިފި

އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ރޭ ކުޅުނު ވޯލްޑް ކަޕްގެ "ގްރޫޕު އައި"ގެ މެޗުގައި ސެނެގާލްގެ މައްޗަށް ފްރާންސް ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ދެ ގޯލު ކާމިޔާބުކޮށް، އެ ގައުމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު ވަނީ މުގުރާލައިފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފްރާންސަށްވުރެ ބޮޑަށް ނުރައްކާތެރި ހަމަލާތައް އުފެއްދީ ސެނެގާލުންނެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓުގައި ނިކޮލަސް ޖެކްސަން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އިސްމާއިލާ ސާ އާއި ސާޑިއޯ މާނޭއަށް ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި ފްރާންސުން ކުޅުން ރަނގަޅުކޮށް، މެޗުގެ 66 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. މައިކަލް އޮލީސޭ ދިން ބޯޅައަކުން މި ގޯލު ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. އޭގެ ފަހުން 82 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ބްރޭޑްލީ ބާކޮލާ ވަނީ ފްރާންސްގެ ދެވަނަ ގޯލު ޖަހައި ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސެނެގާލްގެ އިބްރާހިމް އެމްބާޔޭ ގޯލެއް ޖަހައި އުންމީދު އާކޮށްދިން ނަމަވެސް، އޭގެ ކުޑަވަގުތުކޮޅެއް ފަހުން އެމްބާޕޭ ވަނީ ފްރާންސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މި ގޯލާއެކު ފްރާންސްގެ ޖާޒީގައި އެމްބާޕޭ ޖެހި ގޯލުގެ އަދަދު 58 އަށް އަރައި، އޮލިވިއާ ޖިރޫގެ ރެކޯޑު އޭނާ ވަނީ މުގުރާލައިފައެވެ.

މި ގްރޫޕުގައި ފްރާންސާއި ސެނެގާލްގެ އިތުރުން ދެން ހިމެނެނީ އިރާގާއި ނޯވޭ އެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 3:00 ގައެވެ.