ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގަން އެއަރޕޯޓުގައި ބިނާކުރާ 800 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބިނާ ކުރާ "ގަން މިސްކިތް ކޮމްޕްލެކްސް"ގެ ބިންގާ އެޅުން / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބިނާ ކުރާ "ގަން މިސްކިތް ކޮމްޕްލެކްސް"ގެ ބިންގާ އެޅުން / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި އެ ސަރަހައްދުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަކަމާއެކު އަޅުކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެއްފަހަރާ 800 މީހުންނަށް ނަމާދު ކުރެވޭ ފެންވަރުގެ ބޮޑު މިސްކިތް ކޮމްޕްލެކްސްއެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ގަން އެއަރޕޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، މި ބިނާގެ ހުރިހާ ޚަރަދެއް ދީލަތިކަމާއެކު ހަދިޔާކުރެއްވި ދަމާސް ކޮމްޕެނީގެ ޗެއަރމަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙެވެ.

ދެ ފަންގިފިލާއަށް ފަރުމާކޮށްގެން ހަދާ މި ޒަމާނީ ކޮމްޕްލެކްސްއަކީ ހަމައެކަނި ނަމާދުކުރާ ތަނެއްގެ އިތުރުން އިސްލާމީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރެވޭނެ ތަނެކެވެ. އެގޮތުން ދީނީ އަދި އިޖުތިމާޢީ އެކިއެކި ހަރަކާތްތައް ހިންގުމަށް ޚާއްޞަ މަލްޓިޕާޕަސް ހޯލަކާއި، އިލްމީ ދިރާސާތައް ކުރުމަށް މަގުފަހިވާނެ ފަދަ ލައިބްރަރީއެއް މި އިމާރާތުގައި ހިމެނޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އިސްލާމީ ވުޒާރާގެ އިސް ބޭފުޅުންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާއި މުޙައްމަދު ޞާލިޙްގެ އާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި އައްޑޫ އަތޮޅުގައި ކުރިއަށްގެންދާ ފުރަތަމަ މަޝްރޫޢެއް ނޫން ކަމަށާއި، މީގެ ކުރިން އޭނާގެ އަމިއްލަ ގޯއްޗެއް މާތް ﷲ އަށްޓަކައި ވަޤްފުކޮށް، އައްޑޫ ހުޅުދޫގައިވެސް ރީތި މިސްކިތެއް ބިނާކޮށްދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.