ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މީޑިއާ ސްޓަންޓް ހުއްޓާލައި ލިޔުމުން މުއާމަލާތް ކުރަން މިނިސްޓަރު މުއްތަލިބް މޭޔަރު އާޒިމަށް އަންގަވައިފި

މީޑިއާ ސްޓަންޓް ހުއްޓާލައި ލިޔުމުން މުއާމަލާތް ކުރަން މިނިސްޓަރު މުއްތަލިބް މޭޔަރު އާޒިމަށް އަންގަވައިފި

މީޑިއާ ސްޓަންޓް ހުއްޓާލައި ލިޔުމުން މުއާމަލާތް ކުރަން މިނިސްޓަރު މުއްތަލިބް މާލޭ މޭޔަރު އާޒިމަށް އަންގަވައިފިއެވެ.

އަނގަބަހުން ކުރެވޭ މުއާމަލާތްތަކުގެ ހަގީގަތް އޮޅޭގޮތަށް މާލޭގެ މޭޔަރު އާދަމް އާޒިމް އެކި މީޑިއާތަކުގައި ވާހަކަދައްކަވަމުން ގެންދަވާތީ، މީގެފަހުން ސިޓީ ކައުންސިލާ އެކު ކުރާ ހުރިހާ މުއާމަލާތްތަކެއް ހަމައެކަނި ލިޔެކިޔުމުން ކުރިއަށް ގެންދަން ނިންމަވައި، އެކަން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މޭޔަރަށް ވަނީ އަންގަވައިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު މޭޔަރަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީއެއްގައި މިނިސްޓަރު ވިދާޅުވީ، ކަންކަން ސިޔާސީ ކޮށްގެން 'މީޑިއާ ސްޓަންޓް' ޖެއްސުމުގެ ބަދަލުގައި އެންމެ މަސްލަހަތު ހުރި ގޮތަކީ ރަސްމީ ލިޔެކިޔުމުގެ ތެރެއިން މުއާމަލާތްތައް ބެހެއްޓުން ކަމަށެވެ.

މިނިސްޓަރުގެ މި ސިޓީގައި ވަނީ މާލޭގެ ތަރައްގީއަށް ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކާ ގުޅޭގޮތުން މީގެ ކުރިން ބޭއްވުނު ބައްދަލުވުންތަކުގައި، މާލޭ ސިޓީ ކައުންސިލްގެ ފަރާތުންނާއި މޭޔަރުގެ ފަރާތުން އެދެވޭ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެހެންކަމުން، މާލޭގެ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ކައުންސިލުން އެދެން ބޭނުންވާ ކަންކަން މީގެ ފަހުން ރަސްމީކޮށް މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

މި މައްސަލަ ހޫނުވެފައިވަނީ، މިނިސްޓަރާ ބައްދަލުކުރަން އެދޭތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް ބުނެ، މޭޔަރު އާޒިމް އާއި ސިޓީ ކައުންސިލްގެ މެންބަރުން މިދިޔަ ބުދަ ދުވަހު ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގާ ދަރުބާރުގެއަށް ކުއްލި ގޮތަކަށް ވަޑައިގަތުމާ ގުޅިގެންނެވެ. އެ ދުވަހު މިނިސްޓަރާ ބައްދަލުނުވުމުން މޭޔަރު ވަނީ މިނިސްޓަރު މުއްތަލިބަކީ "ފިލައިގެން އުޅުއްވާ މިނިސްޓަރެއް" ކަމަށް ސިފަކުރައްވައި، ބައްދަލުވުން ހަމަޖެހެންދެން ކޮންމެ ހަފުތާއަކު މިނިސްޓްރީއަށް ވަޑައިގަންނަވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މޭޔަރު އާޒިމް ވިދާޅުވާ ގޮތުގައި މިނިސްޓްރީއާ މަޝްވަރާ ކުރަން ބޭނުންވަނީ ވިލިމާލޭގެ ފުނަވައު ސަރަހައްދުގައި ހިންގާ ހައުސިން މަޝްރޫއާ މެދު އާންމުންގެ ހުރި ކަންބޮޑުވުންތަކާއި، މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ އިތުރުން އާ މަސްމާރުކޭޓުގެ މަޝްރޫއާ ގުޅޭގޮތުންނެވެ. މި ބަހުސްތަކާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވަނީ، މި ހަފުތާގެ ތެރޭގައި މިނިސްޓަރާއެކު ރަސްމީ ބައްދަލުވުމެއް ހަމަޖައްސައިދޭނެ ކަމަށެވެ.