ޒިދާން އެންމެ ފަހުން މެސީގެ ދިފާއުގަ: ބުނީ އެއީ ރަތް ކާޑު ދައްކަން ޖެހޭވަރުގެ ފައުލްއެއް ނޫން ކަމަށް!
މިހާރު ފެށިގެން ކުރިއަށްދާ ވޯލްޑް ކަޕްގައި އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ލިއޮނަލް މެސީ ކުރި ފައުލަކާ ގުޅިގެން އުފެދިފައިވާ ބަހުސްތަކުގައި، ފްރާންސްގެ ލެޖެންޑް ޒައިނުއްދީން ޒިދާން މެސީގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޒިދާން ބުނީ އެ ހާދިސާ ތަފާތު އެންގަލްތަކުން ބަލާފައިވާ ކަމަށާއި، ނަމަވެސް އެއީ ރަތް ކާޑެއް ދައްކަންޖެހޭ ވަރުގެ ކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
ޒިދާން ފާހަގަކުރި ގޮތުގައި ފުޓްބޯޅައަކީ ކޮންޓެކްޓް ސްޕޯޓެއް ކަމަށާއި، ކޮންމެ ކޮންޓެކްޓަކީ ރަތް ކާޑެއް ދައްކަންޖެހޭ ކަމެއް ނޫން ކަމަށެވެ.
"ތެދެއްމެ ކޮންޓެކްޓެއް ވި، އެކަމަށް އެއްވެސް މީހަކު ދެބަހެއް ނުވޭ. ނަމަވެސް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައަށް ބަލާއިރު، ހަމަ ހައިރާންވޭ. ކޮންޓެކްޓްވާ ކޮންމެ ފަހަރަކު ރަތްކާޑެއް ދައްކަން ވދެއްޖެއްޔާ ސަލާމަތެއް ނެތެންނު." ޒިދާން ބުންޏެވެ.
މެސީ އެ މެޗުގައި ދެއްކި މޮޅު ކުޅުމުގެ ބަދަލުގައި މީހުން މިފަދަ ކަމަކާ ބެހޭގޮތުން ވާހަކަދައްކާތީ ޒިދާން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނީ މެސީ ހެޓްރިކެއް ހަދައި، ރެކޯޑްތައް މުގުރާލައި، މުޅި މެޗު ޑޮމިނޭޓް ކުރިއިރު، އެ ހުރިހާ ކަމެއް ދޫކޮށްލައި މަދު ސިކުންތުކޮޅެއްގެ ކަމަކާ މީހުން ބަހުސްކުރުމަކީ މާޔޫސްވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ޒިދާން ބުނީ ކަމެއް ނިންމުމުގައި އެކަން ކުރި މަގްސަދާއި ހާލަތަށް ބަލަންޖެހޭނެ ކަމަށެވެ. ޒިދާން ބުނީ އެ ފައުލްއަށް ބަލާއިރު ފެންނަނީ ފުޓްބޯޅައިގެ ތެރެއިން ހިނގި ކަމެއްކަމަށް ކަމަށާއި އަދި އެއީ އިދިކޮޅު ކުޅުންތެރިޔާއަށް އަނިޔާކުރަން މެސީ ކުރި ގަސްތުގައި ކުރި ކަމެއް ނޫންކަމަށް ޒިދާން ބުންޏެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިއީ އެހެން ކުޅުންތެރިއަކު ކުރި ކަމެއް ނަމަ މިހާ ބޮޑު ބަހުސަކަށް ނުވީސް ކަމަށެވެ.
Ads by BMLމި މައްސަލައިގައި ރެފްރީއާއި ވީއޭއާރުން ނިންމި ނިންމުމަށް ތާއީދުކުރަމުން ޒިދާން ބުނީ، މެސީ ރަތް ކާޑަކުން ސަލާމަތްވީ ނޫން ކަމަށާއި، އެއީ ރަތް ކާޑު ދައްކަންޖެހޭ ފަދަ ހާދިސާއެއް ނޫން ކަމަށެވެ. އަދި ބަހުސްތައް ކުރުމުގެ ބަދަލުގައި، ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ވޯލްޑް ކަޕްގައި ދައްކަމުންދާ ހިތްގައިމު ކުޅުން ބަލައިގަތުމަށް އޭނާ ވަނީ އެދިފައެވެ.
Ads by MACL
