ވޯލްޑް ކަޕް 2026: ފަހުވަގުތު ޖެހި ގޯލުން ޕެނަމާ އަތުން ގާނާ މޮޅުވެއްޖެ
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގައި މިއަދު ކުޅުނު މެޗުގައި، މެޗުގެ އެންމެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު 1-0 އިން ޕެނަމާ ބަލިކޮށް ގާނާއިން މުހިންމު މޮޅެއް ހޯދައިފިއެވެ. ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ގްރޫޕް 'އެލް' ގެ ފޯރިގަދަ ކުރިމަތިލުމެކެވެ.
މެޗު ފެށިގެން ދެވަނަ މިނެޓުގައި ޕެނަމާއިން ވަނީ ގާނާގެ ގޯލަށް ނުރައްކާކޮށްފައެވެ. ސެސީލިއޯ ވޯޓަމަން ފޮނުވާލި ހަމަލާ ގާނާގެ ކީޕަރު ލޯރެންސް އަޓާ ޒިގީ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗުގެ ބޮޑު ބައެއްގައި ޕެނަމާއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ގާނާއިން މަސައްކަތް ކުރީ ކައުންޓާ އެޓޭކުތަކުގައި ފުރުސަތު ހޯދުމަށެވެ. ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގާނާގެ ކީޕަރު ޒިގީއަށް ލިބުނު އަނިޔާއަކާ ގުޅިގެން، ދެވަނަ ހާފުގައި އެޓީމުގެ ގޯލު ބެލެހެއްޓީ ބެންޖަމިން އަސާރޭއެވެ. ދެވަނަ ހާފުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ގާނާގެ ޖޯޑަން އަޔޫ އާއި ސެމެންޔޯ ފޮނުވާލި ހަމަލާތައް ޕެނަމާގެ ކީޕަރު މޮސްކޭރާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، އިތުރު ވަގުތުގެ ތެރޭގައި ގާނާއިން ވަނީ ލަނޑު ޖަހައި ތިން ޕޮއިންޓު ކަށަވަރުކޮށްފައެވެ. ކައުންޓާ އެޓޭކެއްގައި އަސަންޓޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޕެނަމާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ގާނާއަށް މޮޅުކޮށްދިނީ ކަލެބް ޔިރެންކީ އެވެ.
ގާނާއަކީ އެފްރިކާގެ އެންމެ ކާމިޔާބު އެއް ޓީމެވެ. އެޓީމުން ވަނީ ހަތަރު ފަހަރު އެފްކޮން ތަށި އުފުލާލައި، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އަނެއްކޮޅުން ޕެނަމާއަކީ 2018 ވަނަ އަހަރު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރި ޓީމެކެވެ. މިއީ އެޓީމުގެ ދެވަނަ ވޯލްޑް ކަޕެވެ.
މި މެޗުގައި ގާނާގެ މުހިންމު ކުޅުންތެރިޔާ ތޯމަސް ޕާޓޭއަށް ކެނެޑާގެ ވިސާ ނުލިބުމުގެ ސަބަބުން ކުޅެފައެއް ނުވެއެވެ. ގްރޫޕް 'އެލް' ގައި ދެން ހިމެނެނީ އިންގްލެންޑާއި ކްރޮއޭޝިއާއެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި އިންގްލެންޑުން ވަނީ 4-2 އިން ކްރޮއޭޝިއާ ބަލިކޮށްފައެވެ.
Ads by MACL
