ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަހަރުގެ މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިން، މިމަހު 1 މިލިއަން ހަމަވާނެ!

އަހަރުގެ މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިން، މިމަހު 1 މިލިއަން ހަމަވާނެ!

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 866،462 އަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ އެކަކުން ހަޔަކަށް 35،718 ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި މިދިޔަ އަހަރު މި މުއްދަތުގައި ޒިޔާރަތްކޮށްފައި ވަނީ، 30،212 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ ގޮތެއްގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 866،462 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 802،582 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެ ލިސްޓުގެ ދެވަނައިގައި މިހާރު އޮތީ ރަޝިޔާއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިނގެރޭސިވިލާތުންނެވެ.

ފަތުރުވެރިން އެންމެ ގިނައިން ޒިޔާރާތް ކުރި 5 ގައުމު:


  • ޗައިނާ - 97،892 ފަތުރުވެރިން

  • އިނގިރޭސިވިލާތް - 90،161 ފަތުރުވެރިން

  • ރަޝިޔާ - 92،333 ފަތުރުވެރިން

  • އިޓަލީ - 78،260 ފަތުރުވެރިން

  • ޖަރުމަނު - 66،750 ފަތުރުވެރިން


ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދަައްކާ ގޮތުން ރާއްޖެ އަންނަަ ފަތުރުވެރިންގެ ތެރެއިން 70.7 އިންސައްތަ މީހުން ދަނީ ރިސޯޓްތަކަށެވެ. އަދި 23.8 އިންސައްތަ މީހުން ގެސްޓްހައުސްތަކަށް ދާއިރު، ހޮޓަލްތަކަށް ދަނީ 2.9 އިންސައްތަ މީހުންނެވެ.

ރާއްޖޭގެ ޖުމްލަ 175 ރިސޯޓެއް ފަތުރުވެރިންނަށް ހުޅުވާލާފައިވާއިރު، 827 ގެސްޓުހައުސް ހިންގަމުން އެބަދެއެވެ. އަދި ފަތުރުވެރިކަމުގެ ހިދުމަތްދޭ 158 ސަފާރީ ހިންގައެވެ.

އިތުރު ފަތުރުވެރިން ރާއްޖެ ގެނައުމަށް މީގެ ކުރިން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާ އިން އެކިއެކި ރިކޯޑުތައް ވަނީ ހާސިލްކޮށްފައެވެ. މި އަހަރު ސަރުކާރުން އަމާޒު ހިފާފައިވަނީ 2.3 ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.