ރޫނީ ރޮނާލްޑޯގެ ދިފާއުގަ؛ "ރޮނާލްޑޯއަށް ލަނޑު ނުޖެހުނީ ޓީމު ކުޅުންތެރިންގެ އެހީތެރިކަން ނުލިބުނީމަ"
ޕޯޗުގަލް އާއި ޑީއާރު ކޮންގޯ ބައްދަލުކުރި މެޗުގައި ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެކަށީގެންވާ އެހީތެރިކަމެއް ނުލިބޭ ކަމަށް ބުނެ، އިންގްލެންޑުގެ ކުރީގެ ތަރި ވޭން ރޫނީ އެ ޓީމުގެ މިޑްފީލްޑަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
މި މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރޫނީ ބުނީ މުޅި މެޗުގައިވެސް ބްރޫނޯ ފެނާންޑޭޒް ނުވަތަ ބެނާޑޯ ސިލްވާގެ ފަރާތުން ރޮނާލްޑޯއަށް ލަނޑު ޖަހާނެ ސާފު ފުރުސަތެއް ތަނަވަސްކޮށްދީފައި ނުވާ ކަމަށެވެ. އަދި ފުރުސަތު ތަނަވަސްކޮށްދިނުމުގެ އިތުރުން، އެ ކުޅުންތެރިންނަށްވެސް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާކަން ރޫނީ ފާހަގަކުރިއެވެ.
ރޮނާލްޑޯ ކުޅެން ނާރުވައި ބެންޗުގައި ބަހަޢްޓަން ގޮވާލާ ފަރާތްތަކަށް ރައްދު ދެމުން ރޫނީ ބުނީ، "ކުޅުމުގެ ތެރެއިން އެއްވެސް އެހީތެރިކަމެއް ނުލިބޭއިރު، ރޮނާލްޑޯ ބެންޗުކުރަން ގޮވާލުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން" ކަމަށެވެ. އޭނާ ދެކޭގޮތުގައި މައްސަލައަކީ ރޮނާލްޑޯގެ ކުޅުމަށްވުރެ ބޮޑަށް އޭނާއަށް ބޯޅަ ފޯރުކޮށްދޭން ތިބި ކުޅުންތެރިންގެ ނުކުޅެދުންތެރިކަމެވެ.
Ads by BMLމީގެއިތުރުން ބްރޫނޯ ފެނާންޑޭޒްއާ ގުޅޭގޮތުން ރޫނީ ބުނީ، އޭނާއަކީ މި ވޯލްޑް ކަޕްގައި ޕޯޗުގަލްގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ގޮތުގައި ބެލެވުނު އަދި ގޯލްޑަން ބޯލްއަށް ވާދަކުރާނެ ކަމަށް ބެލެވުނު ކުޅުންތެރިޔާ ކަމަށެވެ. ނަމަވެސް މި މެޗުގައި އޭނާގެ ފަރާތުން ފެނުނީ ކޮން ކުޅުމެއްތޯ ރޫނީ ސުވާލު އުފެއްދިއެވެ.
ނިންމާލަމުން ރޫނީ ވަނީ މީޑިއާއަށްވެސް ފާޑުކިޔާފައެވެ. އޭނާ ބުނީ ރޮނާލްޑޯއަށް ފާޑުކިޔާ މިންވަރަށް ބްރޫނޯ ފެނާންޑޭޒް ފަދަ ކުޅުންތެރިންގެ ކުޅުމާމެދު މީޑިއާއިން ސުވާލު ނުއުފައްދަނީ ކީއްވެގެންތޯ އޭނާ ހިތަށް އަރާ ކަމަށެވެ.
Ads by MACL
