ފަހި ފްލެޓް ކައިރީގައި 18 ބުރީގެ ކޮމާޝަލް އިމާރާތެއް އަޅަނީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތައް ކައިރީގައި 18 ބުރީގެ ކޮމާޝަލް އިމާރާތެއް އެޅުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.
މި އިމާރާތް އަޅަން ހަމަޖެހިފައިވަނީ އަމާން ދޯދީގެ 16 ވަނަ ޓަވަރު ކައިރީގައެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކަނޑޫފާ އިންވެސްޓްމަންޓް އާ ކަމަށެވެ. އަދި ޖުމްލަ 18 ބުރިއަށް ޢިމާރާތްކުރާ މި ޕްރޮޖެކްޓްގެ ހުރިހާ ޚަރަދެއް ކުރާނީ މަޝްރޫއު ހިންގާ ކުންފުނިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާނެ ސީދާ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
Ads by BMLއިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކުރި އެފްޑީސީގެ ޓަވަރުތަކުގެ އެންމެ ތިރީގައި، ހިޔާ ފްލެޓުތަކުގައި ހުންނަ ފަދަ ޕާކިން ޖާގައެއް ހިމަނާފައެއް ނުވެއެވެ. އެހެންނަމަވެސް، އަލަށް ފަށާ މި މަޝްރޫއުގެ ދަށުން އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ބޭނުންކުރެވޭނެ ގޮތަށް ޕާކިން ޖާގަ ލިބިގެންދާނެ ކަމުގެ ޔަގީންކަން ހަމްދާން ދެއްވިއެވެ.
މި އިމާރާތުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އެގޮތުން ކޮމާޝަލް އޮފީސް ޖާގަތައް ލިބުމުގެ އިތުރުން، އެފްޑީސީގެ ހެޑް އޮފީސް ވެސް މި އައު އިމާރާތަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
ހަތަރު ހާސް މީހުންނަށް ދޫކޮށްފައިވާ ފަހި ފްލެޓުތައް ފަރުމާކޮށްފައި ވަނީ، އެންމެ ތިރީ ބައިގައި ފިހާރަތަކާއި ރެސްޓޯރެންޓް ހިންގާނެ ޖާގަ ނުހިމަނާ ގޮތަށެވެ.
އެހެންކަމުން، އަލަށް ބިނާކުރާ މި އިމާރާތާ އެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ވިޔަފާރި ކުރުމާއި ޚިދުމަތް ލިބުމުގެ ފުރުސަތު ފަހިވެ، ދިމާވެފައިވާ ޕާކިންގެ ދަތިކަމަށް ވެސް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެފްޑީސީން އުންމީދު ކުރެއެވެ.
Ads by MACL
