ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިމާވެއްޓާ ރައްޓެހި އީވީ ކާރުތަކާއެކު "މާލޭ ޓެކްސީ" ގެ ޚިދުމަތް ވިލިމާލެއަށް

ތިމާވެއްޓާ ރައްޓެހި އީވީ ކާރުތަކާއެކު "މާލޭ ޓެކްސީ" ގެ ޚިދުމަތް ވިލިމާލެއަށް

ވިލިމާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން، ސަރުކާރުން ކުރިއަށްގެންދާ "މާލޭ ޓެކްސީ ލައިން" ގެ ޚިދުމަތް މިއަދު އެ އަވަށުގައި ރަސްމީކޮށް ފަށައިފިއެވެ.

ތިމާވެއްޓާ ރައްޓެހި 100 އިންސައްތަ އިލެކްޓްރިކް (އީވީ) އުޅަނދުތަކާއެކު ފެށި މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން ވިލިމާލޭ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލާއި، މި ޚިދުމަތް އޮޕަރޭޓްކުރާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި ވިލިމާލޭގައި މި ތައާރަފުކުރި އީވީ ދަތުރުފަތުރުގެ ނިޒާމަކީ އާންމުންނަށް ރައްކާތެރި އަދި އެހާމެ އިތުބާރު ހިފޭނެ ޚިދުމަތަކަށް ވެގެންދާނެއެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި މާލޭގައި ފެށި މި ޓެކްސީ ޚިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ފުރަތަމަ މަހު އެކަނިވެސް 13،000 އަށްވުރެ ގިނަ ދަތުރު ކޮށްދީފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ޚިދުމަތަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެން ދިމާވި ބައެއް ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މި މަހުގެ ތެރޭގައި ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.

https://twitter.com/MTCCPlc/status/2067600594211340535

މާލޭ ޓެކްސީ ލައިންގެ ޚިދުމަތަށް ރާއްޖެ ގެނެސްފައިވާ ތިމާވެއްޓާ ރައްޓެހި 150 އުޅަނދުގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ހާއްސަ ކުދި ކާރުތަކާއި، އެއާޕޯޓް ދަތުރުތަކަށް ބޭނުންކުރާ ބޮޑެތި އުޅަނދުތައް ހިމެނޭހެން ތިން ސައިޒެއްގެ ކާރު ހިމެނެއެވެ. އާންމުކޮށް އިންޖީނުލީ އުޅަނދު ދުއްވުން މަނާ، ހިތްފަސޭހަ ރަށެއްގެ ގޮތުގައި އޮންނަ ވިލިމާލޭގައި މިފަދަ ބެޓެރި އުޅަނދުތައް އިތުރުވަމުންދާތީ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މި އައު ޚިދުމަތާއެކު އަވަށުގެ ތިމާވެށި ހިމާޔަތްކުރެވި، އާންމުންނަށް ދަތުރުފަތުރުގެ ބޮޑު ލުޔެއް ލިބޭނެ ކަމަށް ބެލެވެއެވެ.