ފުލުހުންގެ ބައެއް އިދާރާތައް ސާފުކުރުމަށް ވެމްކޯގެ "ޚޮބާ" ޚިދުމަތާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
ފުލުހުންގެ އިދާރާތައް ފޮޅާސާފުކުރުމުގެ ޚިދުމަތް ދިނުމަށް ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ފުލުހުންގެ މުހިންމު ބައެއް މަރުކަޒުތައް ކަމަށްވާ ސަރޖަންޓް އާދަމް ހަލީލް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގެ އިތުރުން، އިސްކަންދަރު ކޮށި 1 އަދި އިސްކަންދަރު ކޮށި 2 ފޮޅާސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ވެމްކޯއިންނެވެ.
ވެމްކޯގެ ފަރާތުން މި ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެ ކޯޕަރޭޝަނުގެ ޚާއްޞަ ސާފުކުރުމުގެ ޚިދުމަތް ކަމަށްވާ "ޚޮބާ" ގެ ދަށުންނެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެ މުއައްސަސާގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
ވެމްކޯއިން ތައާރަފްކޮށްފައިވާ "ޚޮބާ" ޚިދުމަތަކީ އޮފީސްތަކާއި، ގޭބިސީތަކުގެ އިތުރުން ބޮޑެތި އިމާރާތްތައް ފުންކޮށް ފޮޅާސާފުކުރުމަށް (ޑީޕް ކްލީނިންގ) ޚާއްޞަކޮށްގެން ދެމުން އަންނަ ކާމިޔާބު ޚިދުމަތެކެވެ.
މިއީ މާލޭ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ އިތުރުން، ސާފުތާހިރުކަން އިތުރު ފެންވަރަކަށް ގެންދިއުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދެވޭ ޚިދުމަތެކެވެ.
ފުލުހުންގެ މުހިންމު އިދާރާތަކެއް ސާފުކުރުމަށް މިފަހަރު ވެވުނު އެއްބަސްވުމުގެ ސަބަބުން، ސަރުކާރުގެ މުއައްސަސާތަކަށް އިތުބާރު ހުރި އަދި ފެންވަރު ރަނގަޅު ސާފުކުރުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވެމްކޯގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.
Ads by MACL
