ކ. ގުޅިއާއި ފުށިދިއްގަރުފަޅާ ދެމެދުން ދަތުރުކުރާ އުޅަނދުފަހަރު ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފި
ކ. ގުޅިއާއި ފުށިދިއްގަރުފަޅާ ދެމެދުގައިވާ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އެ ސަރަހައްދުގެ ކަނޑުމަތިން އުޅަނދެއްގެ ބައެއް ތަކެތި އޮޔާދާކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު، އޮޔާދާ މިތަކެތި މިހާރު ދަތުރުކުރަމުންދާނީ އެ ސަރަހައްދުން އިރުމައްޗަށް ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ އުޅަނދުފަހަރެއްގެ ކެޕްޓަނުންނާއި ފަޅުވެރިން މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އަސްކަރިއްޔާއިން ވަނީ އެދިފައެވެ.
ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ނަސޭހަތްތެރިވެފައިވެއެވެ. ކަނޑުމަތީގައި މިފަދަ ތަކެތި އޮޔާދިއުމަކީ ކަނޑުދަތުރުފަތުރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެ، ނުރައްކާތެރި ހާދިސާތަކެއް ހިނގަން މެދުވެރިވެދާނެ ކަމެކެވެ.
މިފަދަ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، ކަނޑުދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކޯސްޓްގާޑުން ވަނީ އިރުޝާދު ދީފައެވެ.
Ads by MACL
