ހުޅުމާލެ ފޭސް 2 ގެ ކަރަންޓުގެ ކަންކަން ބެލެހެއްޓުން ސްޓެލްކޯއާ ރަސްމީކޮށް ހަވާލުކޮށްފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފެންވަރު ހިފެހެއްޓުމުގެ ގޮތުން، އެ ސަރަހައްދުގެ ކަރަންޓު ނެޓްވޯކް ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި މަސައްކަތް ސްޓެލްކޯއާ ޙަވާލުކުރުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސްޓެލްކޯއާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރު ސޮއިކުރެއްވިއިރު، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރުއެވެ.
މި ފަހުމުނާމާގެ ދަށުން ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ޚިދުމަތް ކުރިއަށްވުރެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ބެލެވޭއިރު، އެ ސަރަހައްދުގައި އިމަޖެންސީ ރެސްޕޮންސް ސެންޓަރެއް ގާއިމުކުރުމަށް ބޭނުންވާ ޖާގަ ވެސް އެޗްޑީސީން މިހާރު ވަނީ ސްޓެލްކޯއާ ހަވާލުކޮށްފައެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގެ ތެރެއިން ސްޓެލްކޯގެ ފަރާތުން ވަނީ އެޗްޑީސީއަށް ލައިޓް ޕޯސްޓްތަކެއް ވެސް ހަދިޔާކޮށްފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ މިވަގުތު މާލެ ސަރަހައްދުގައި އެންމެ ހަލުވިކަމާއެކު އާބާދީ ބޮޑުވަމުން އަންނަ ސަރަހައްދަށް ވެފައި، ޚާއްޞަކޮށް ހިޔާ ފްލެޓްތަކާއި ފަހި ފްލެޓްތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާތީ، އެތަނުގެ ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
މާލެ ސަރަހައްދުގެ ކަރަންޓުގެ ހާލަތު ޖުމްލަގޮތެއްގައި ރަނގަޅު ކުރުމަށްޓަކައި ސްޓެލްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ ފުރަތަމަ މަރުހަލާ މިހާރު ނިންމާލާފައިވާއިރު، މި ބަދަލާއެކު އިންޖީނުގެއަށް އިތުރު ޖެނެރޭޝަން ފީޑް ކުރުމުގެ ފުރުސަތު ލިބި، ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ފުރިހަމަވެގެންދާނެއެވެ.
Ads by MACL
