މާތްاللهއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރާ މީހުން ނެތިކުރައްވާނެ: ހުކުރު ޚުޠުބާ
ފިރުޢައުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީމީހުން ސަލާމަތްވީ ހާދިސާއިން އެނގެނީ، މާތް اللهއަށް އިތުބާރުކޮށް އެކަލާނގެ ޙަޟުރަތަށް ރުޖޫޢަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތްކަން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ޢާޝޫރާ ދުވަސް" މި މައުޟޫއަށް ރާއްޖޭގެ އެކިކި ކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި ވަނީ، މާތް اللهއަށް ކާފިރުވެ ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް އެކަލާނގެ ގަދަފަދަ ޢަޛާބު ދެއްވައި ނެތިކުރައްވާނެކަން ހަނދާންކޮށްދީފައެވެ.
ޢާޝޫރާ ދުވަހަކީ ފިރުޢައުނުގެ އަނިޔާވެރިކަމުން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން ސަލާމަތްކޮށްދެއްވި ދުވަހެވެ. އެ ދުވަހު ފިރުޢައުނާއި އޭނާގެ ބޮޑު ލަޝްކަރު ކަނޑުގެ ތެރެއަށް ޣަރަޤުކުރެއްވިއިރު، މޫސާގެފާނަށް ތަބާވީ މީހުން الله تَعَالَىއަށް ޝުކުރުވެރިވުމުގެ ގޮތުން އެ ދުވަހު ރޯދަހިފިއެވެ. ޚުޠުބާގައި ވިދާޅުވި ގޮތުގައި މިފަދަ ޙާދިސާތަކުގައި ގިނަގުނަ ޢިބުރަތްތަކެއް ލައްވާފައިވަނީ މީސްތަކުންގެ އީމާންކަން ހަރުދަނާކުރެއްވުމަށްޓަކައެވެ.
"ފިރުޢައުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީމީހުން ސަލާމަތްވީ ހާދިސާއިން އެނގެނީ، މުޞީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުންކަން. އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީކަން،" ޚުޠުބާގައި ވިދާޅުވިއެވެ.
ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ސުންނަތެއްކަން ފާހަގަކުރައްވައި، ޚުޠުބާގައި ވަނީ އެކަމުގެ ތިން ދަރަޖައެއް ބަޔާންކޮށްދީފައެވެ. އެންމެ ފުރިހަމަ ދަރަޖައަކީ ޢާޝޫރާ ދުވަހާ އެކު އޭގެ ކުރީ ދުވަހާއި ފަހު ދުވަހު ރޯދަހިފުމެވެ. ދެވަނަ ދަރަޖައަކީ މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަހިފުމެވެ. އަދި ތިންވަނަ ދަރަޖައަކީ ހަމައެކަނި 10 ވަނަ ދުވަހު ރޯދަހިފުމެވެ.
Ads by BMLޚުޠުބާ ނިންމާލަމުން ވަނީ ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ ޢަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް، ނަފުސު ތަރުބިޔަތުކުރުމަށް މާތް الله ހުޅުއްވައިދެއްވާފައިވާ ފުރުޞަތެއްކަން ފާހަގަކޮށްފައެވެ. އަދި ޢާޝޫރާ ދުވަހު އަޅުކަމުގެ ގޮތުން ރޯދަހިފުން ނޫން އެހެން ކަމެއް އޮތްކަން އެނގެން ނެތް ކަމަށްވެސް ޢިލްމުވެރިންނާ ހަވާލާދީ ޚުޠުބާގައި ވިދާޅުވިއެވެ.
Ads by MACL
