ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިލިމާލެއަށް ދިމާވެފައިވާ އަސާސީ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވަނީ ރައީސް ޑރ. މުއިއްޒު: މުހައްމަދު އިސްމާއީލް

ވިލިމާލެއަށް ދިމާވެފައިވާ އަސާސީ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވަނީ ރައީސް ޑރ. މުއިއްޒު: މުހައްމަދު އިސްމާއީލް

ވިލިމާލޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ވެރިކަން ކުރެއްވި ރައީސުން ބޮޑެތި އިހުމާލުތަކެއް ވެވަޑައިގެންފައިވާ ކަމަށާއި، ނަމަވެސް އެ ކަންކަން ހައްލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންދާ ކަމަށް ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މެންބަރު މުހައްމަދު އިސްމާއީލް މިހެން ވިދާޅުވީ، މާލޭގައި ދުއްވުމަށް ގެނައި "މާލެ ޓެކްސީ" ގެ ޚިދުމަތް ވިލިމާލޭގައި ރަސްމީކޮށް ފެށުމަށްޓަކައި މިއަދު އެ އަވަށުގެ ފެރީ ޓާމިނަލް ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މާޒީގެ ސަފުހާތަކަށް ބަލައިލާއިރު، ފާއިތުވި ދިގު މުއްދަތުގައި ވިލިމާލޭގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް އެއްވެސް ސަރުކާރަކުން އެކަށީގެންވާ އަޅާލުމެއް ދީފައެއް ނުވެއެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ވިލިމާލޭގެ އަސާސީ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އަމަލީ މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވިލިމާލޭގައި އަލަށް ފެށި ޓެކްސީ ލައިނުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންގެ އިތުރުން، އެމްޓީސީސީގެ އިސްވެރިންނާއި ވިލިމާލޭގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.