ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިފްކޯއިން މަސްގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމަށް ސަރުކާރުން އަމާޒު ހިފައިފި

މިފްކޯއިން މަސްގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމަށް ސަރުކާރުން އަމާޒު ހިފައިފި

މިފްކޯއަށް މަސްވެރިން ބާނާ މަސް ގަންނަ އަގު ކިލޯއަކަށް 20 ރުފިޔާގެ ރޭޓުގައި ދެމެހެއްޓުމަކީ މިހާރުގެ ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ހާސިލުކުރަން ބޭނުންވާ މުހިންމު ލަނޑުދަނޑިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.

"ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި މުޅި ދާއިރާގެ ހިންގުން ހަރުދަނާކުރަން ޖެހޭ ކަމަށެވެ.

މިފްކޯގެ ހިންގުމަށް ގެނެވުނު ބަދަލުތަކާއެކު މިހާރުވެސް ރަނގަޅު ނަތީޖާތަކެއް ފެންނަމުންދާކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ މަސްގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އިގްތިސާދީ ހާލަތު ތަންދޭ މިންވަރަކުން އެއަށްވުރެ ވެސް މަތީ އަގެއް މަސްވެރިންނަށް ހޯދައިދިނުމަކީ އުންމީދެއް ކަމަށެވެ. މީގެ އިތުރުން، ބޭރުގެ ބާޒާރުތަކުން ދިވެހި މަހަށް ރަނގަޅު އަގު ހޯދުމުގެ ގޮތުން އިނގިރޭސިވިލާތުން ދިވެހި މަހުގެ އުފެއްދުންތަކުން ޓެރިފް ކަނޑާލާފައި އޮތް އޮތުން ދާއިމީ ކުރުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އެ ދާއިރާގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދައިދެވޭނީ މިފްކޯ މެދުވެރިކޮށް ކަންނެލި ގަތުމުގެ ނިޒާމު އަލުން ހަމަޖައްސައިގެން ކަމަށެވެ. މި ބަދަލު ގެނައުމުގައި ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުގެ މަޝްވަރާއާއި ބައިވެރިވުން ހޯއްދަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސައިޒު ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށް މިހާރު ފަށާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް ލިބިފައިވާ ހީނަރުކަމުން އަރައިގަނެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކުންފުނިތައް މާލީ ގޮތުން ދުޅަހެޔޮވުމުން، ވަށާޖެހޭ އިގްތިސާދީ ސިޔާސަތެއްގެ ތެރެއިން މުޅި ގައުމުގެ އިގްތިސާދަށާއި މަސްވެރިކަމުގެ ދާއިރާއަށް މީގެ ހެޔޮ ބަދަލުތައް ފެންނަން ފަށާނެ ކަމަށެވެ.