މިހާތަނަށް ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު އެންމެ ބޮޑު ވޭޕް ޝިޕްމެންޓް އަތުލައިގެންފި
ސަރުކާރުން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރި ފަހުން، މިހާތަނަށް އަތުލައިގަތް އެންމެ ބޮޑު ވޭޕް ޝިޕްމެންޓް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިއްޔެ އަތުލައިގެންފިއެވެ.
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި އާންމު މުދަލުގެ ތެރޭގައި ފޮރުވައިގެން ގެނައި މި ޝިޕްމެންޓް އަތުލައިގަތީ، އެ ތަކެއްޗަށް ޝައްކު ކުރެވިގެން ކަސްޓަމްސްއިން ހިންގި ހާއްސަ ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި ފާސްކުރުމުގެ ތެރޭގައި އެ ފޮށިގަނޑުތަކުން 15،601 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
މި އޮޕަރޭޝަނަކީ ރާއްޖެއަށް ގަވާއިދާ ހިލާފަށް މުދާ އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު ހަރަކާތެކެވެ. ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، ވޭޕް މަނާކުރި ފަހުން މިފަދަ ތަކެތި ވަގަށް އެތެރެކުރުން ހުއްޓުވުމަށް ފާރަވެރިވުން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އަދި ފާއިތުވި ފަސް ދުވަހުގެ ތެރޭގައި އެކަނިވެސް ތަފާތު ތިން އޮޕަރޭޝަނެއް ހިންގައި، ޖުމްލަ 22،309 ވޭޕް ކާޓްރިޖް ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް 2024 ވަނަ އަހަރު ގެނައި ހަރުދަނާ އިސްލާހާއެކު، އެ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ވޭޕާއި އެއާ ގުޅުންހުރި އެއްވެސް ސާމާނެއް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަކީ ގާނޫނީގޮތުން މަނާކަމެކެވެ. ނަމަވެސް، މި މަނާކުރުމާ ހިލާފަށް ސިއްރުން ވޭޕް އެތެރެކުރަން އުޅޭ މިންވަރު އިތުރުވަމުންދާތީ، ސަލާމަތީ ބާރުތަކުން ދަނީ ބޯޑަރުތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރަމުންނެވެ.
Ads by MACL
