މާލޭގެ އައު މާރުކޭޓް އަޅަން ކައުންސިލުން ހުރަސްއެޅިޔަސް ސަރުކާރުން އެކަން ނިންމާނެ: ރައީސް
މާލޭ ސިޓީ ކައުންސިލުން ބިން ހަވާލުނުކޮށް ހުރަސްއަޅަމުން ދިޔަ ނަމަވެސް، މާލޭގައި ތަރައްގީކުރަން ނިންމާފައިވާ އައު މާރުކޭޓް ކޮމްޕްލެކްސްގެ މަސައްކަތް ހުއްޓުމެއް ނެތް ގޮތުގައި ކުރިއަށް ގެންގޮސް ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ މިއަދު އާންމުކުރި "ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި މަޝްރޫއަށް ބޭނުންވާ މާލީ އެހީތެރިކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މިހާރު ވަނީ ފުރިހަމައަށް ހަމަޖައްސާފައެވެ. އަދި ފިޝަރީޒް މިނިސްޓްރީ މެދުވެރިކޮށް މި އިމާރާތް ބިނާކުރާނެ ކޮންޓްރެކްޓަރަކުވެސް ވަނީ ކަނޑައަޅާފައެވެ.
މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާތާ ހަތަރު މަސް ދުވަސް ވެފައިވާއިރު، މިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިޓީ ކައުންސިލުން ބިން ހަވާލުނުކޮށް ހިފެހެއްޓުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ކައުންސިލުން އެކި ކަހަލަ އުޒުރުތަކާއި ބަހަނާތައް ދައްކައިގެން ކަންކަން ލަސްކުރާތީ ހިތާމަކުރައްވާ ކަމަށާއި، އެހެންނަމަވެސް ސަރުކާރުން މި މައްސަލައަށް ހައްލެއް ހޯދައިގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
ވެރިކަމާ ހަވާލުވިއިރު އިގްތިސާދީ ގޮތުންނާއި މަސްވެރިކަމުގެ ސިނާޢަތް އޮތް އަނދަވަޅުން ސަލާމަތްކޮށް، ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް އެއްވެސް ފަރާތަކުން ހުރަސްއަޅައިގެން އެއްވެސް ބަޔަކަށް ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
މިހާރުގެ ދަތުރުވެރިންގެ މާރުކޭޓް ހުރި ބިމުގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ ހަ ފަންގިފިލާގެ ޒަމާނީ އިމާރާތެކެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި އިމާރާތުގެ ގްރައުންޑް ފްލޯ ހާއްސަކުރެވޭނީ މަސް މާރުކޭޓަކަށެވެ. އަދި އިމާރާތުގެ ދެވަނަ ފަންގިފިލާ އާއި ތިންވަނަ ފަންގިފިލާގައި ތަރުކާރީ އާއި މޭވާގެ މާރުކޭޓެއް ގާއިމުކުރާއިރު، ހަތަރުވަނަ ފަންގިފިލާ ހާއްސަކުރާނީ ކާބޯތަކެތީގެ ހިދުމަތްދޭ ފުޑް ކޯޓްތަކަށެވެ.
Ads by MACL
