ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: އެމެރިކާއިން އީރާން ޓީމަށް ކުރިމަތިކުރުވާ ހުރަސްތަކުގެ ޝަކުވާ ފީފާއަށް ހުށަހަޅަނީ

ވޯލްޑް ކަޕް 2026: އެމެރިކާއިން އީރާން ޓީމަށް ކުރިމަތިކުރުވާ ހުރަސްތަކުގެ ޝަކުވާ ފީފާއަށް ހުށަހަޅަނީ

މިހާރު ފެށިގެން ކުރިއަށްދާ ވޯލްޑް ކަޕްގައި އީރާނުގެ ގައުމީ ޓީމަށް ތައްޔާރުވުމަށް އެމެރިކާއިން ހުރަސްތަކެއް ކުރިމަތިކުރަމުންދާ ކަމަށް ބުނެ، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ފީފާއަށް ރަސްމީ ޝަކުވާއެއް ހުށަހަޅަން ނިންމައިފިއެވެ. މިއީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން އީރާނުގެ ތައްޔާރުވުންތަކަށް އެއްބާރުލުން ނުދިން ދެވަނަ ފަހަރެވެ.

އީރާނުން ބުނާ ގޮތުގައި، އެމެރިކާއިން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން، ކުރިން ފާސްކޮށްފައިވާ ތާވަލާ އެއްގޮތަށް ޓީމަށް ދަތުރުނުކުރެވޭ ކަމަށެވެ. އީރާނުން ކުރިން ރާވާފައިވަނީ ކޮންމެ މެޗެއްގެ ދެ ދުވަސް ކުރިން އެ މެޗެއް ކުޅޭ ސިޓީއަކަށް ގޮސް، މެޗަށްފަހު އަނެއް ދުވަހު ބޭސް ކޭމްޕަށް އެނބުރި ދިއުމަށެވެ. ނަމަވެސް، ނިއުޒީލެންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައިވެސް މި އިންތިޒާމަށް ވަނީ ހުރަސް އަޅާފައެވެ.

ބެލްޖިއަމް މެޗަށްވެސް ހުރަސްތަކެއް


އަންނަ އާދީއްތަ ދުވަހު ލޮސް އެންޖެލިސްގައި ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ދެ ދުވަސް ކުރިން އެ ސިޓީއަށް ދިއުމަށް އީރާނުން އެދުނު ނަމަވެސް، އެމެރިކާއިން ވަނީ އެކަން ބަލައިނުގަނެފައެވެ. މީގެ ސަބަބުން އީރާނު ޓީމަށް ލޮސް އެންޖެލިސްއަށް ދެވޭނީ މެޗުގެ އެންމެ ދުވަހެއް ކުރިން ހޮނިހިރު ދުވަހުއެވެ.

އީރާނުގެ ފެޑެރޭޝަނުން ބުނީ މިއީ މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމުތަކަށް ހަމަހަމަ ފުރުސަތު ދިނުމުގެ އުސޫލާ ހިލާފު ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޓީމުގެ ފަންނީ ތައްޔާރުވުންތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށްވެސް އެ ފެޑެރޭޝަނުން ފާހަގަކުރިއެވެ.

އީރާނުގެ ހެޑް ކޯޗު އާމިރު ގަލެނޮއީ ވަނީ އެމެރިކާއިން އީރާނާ މެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

"ޓީމު މިވަގުތު މިއޮތީ ވަރަށް އުނދަގޫ ހާލަތެއްގައި. އަހަރެމެންނަށް ތައްޔާރުވުމާއި ރިކަވަރީއަށް އެކަށީގެންވާ ވަގުތެއް ނުދޭ. މެޗަށްފަހު ވަގުތުން އެނބުރި މެކްސިކޯގެ ޓިޖުއާނާއަށް ދާން މިޖެހެނީ. މިއީ ޓީމަށް ދެވޭ ވަރަށް ބޮޑު ޕްރެޝަރެއް،" ކޯޗު ބުންޏެވެ.

ކޯޗު އިތުރަށް ބުނި ގޮތުގައި، ވިސާގެ މައްސަލަތަކާ ހުރެ އެރިޒޯނާގައި ކޭމްޕް ކުރުމުގެ ފުރުސަތު ނުލިބުމުން ޓީމު ބޭސް ކޭމްޕް ޖަހަން ޖެހުނީ މެކްސިކޯގައެވެ. އޭނާ ސިފަކުރި ގޮތުގައި އީރާނަކީ ވޯލްޑް ކަޕް ތާރީހުގައިވެސް އެންމެ ބޮޑަށް "އަނިޔާ ލިބިފައިވާ" ނުވަތަ ހުރަސްތައް ކުރިމަތިވެފައިވާ ޓީމެވެ.

މި ހުރަސްތަކާއެކުވެސް، އީރާނުން ބުނީ ބެލްޖިއަމް މެޗަށް ޓީމުން ފުރިހަމައަށް ސަމާލުކަންދޭނެ ކަމަށެވެ. ގްރޫޕް ޖީގައި ހިމެނޭ އީރާނުން ކުޅުނު ފުރަތަމަ މެޗުގައި ނިއުޒީލެންޑާ ވާދަކޮށް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.