ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފާޑުކިޔާބަލަ، ގިނައިން ކިޔާބަލަ؛ އަހަރެންގެ މަސައްކަތަށް ކުޑަވެސް މަޑުޖެހުމެއް ނާންނާނެ: ރޮނާލްޑޯ

ފާޑުކިޔާބަލަ، ގިނައިން ކިޔާބަލަ؛ އަހަރެންގެ މަސައްކަތަށް ކުޑަވެސް މަޑުޖެހުމެއް ނާންނާނެ: ރޮނާލްޑޯ

މިފަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގައި ޑީއާރު ކޮންގޯއާ ވާދަކޮށް 1-1 އިން އެއްވަރުވުމާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަރުގަދައަށް ރައްދުދީފިއެވެ.

މި މެޗަށްފަހު ރޮނާލްޑޯއަށް އަމާޒުވާ ފާޑުކިޔުންތައް އިތުރުވެފައިވާއިރު، ބައެއް ސަޕޯޓަރުން ދަނީ އޭނާ ބެންޗުގައި ބެހެެއްޓުމަށް ނުވަތަ ބަދަލު ކުރުމަށް ކޯޗު ރޮބާޓޯ މާޓިނޭޒްއަށް ގޮވާލަމުންނެވެ. މިކަމާ ގުޅިގެން ރޮނާލްޑޯ ބުނީ އޭނާއާ ބެހޭގޮތުން ދެކެވޭ ވާހަކަތައް އަޑުއިވޭ ކަމަށާއި، އޭނާއަކީ މައްސަލައެއް ކަމަށް ބައެއް މީހުން ބުނާ އަޑުވެސް އިވޭ ކަމަށެވެ.

"އަހަރެން ފުރަތަމަ އެގާރައިގައި ހިމެނިގެން ނުވާނެ ކަމަށް ބުނާ އަޑުތައް އިވޭ. މިއީ ފުޓްބޯޅަ. ޕޯޗުގަލް މޮޅުވާއިރު އަހަރެމެން އެންމެން އެކުގައި މޮޅުވަނީ. އެކަމަކު މެޗަކުން ބަލިވެއްޖެނަމަ އެންމެންވެސް ބޭނުންވަނީ އެކަކަށް އިނގިލި ދިއްކުރަން. އަހަރެންގެ ކެރިއަރުގެ ބޮޑުބައިގައި މިކަންކަމާ ކުރިމަތިލާފައިވާތީ މިއީ މިހާރު އަހަރެން ޖެހިލުންވެ އެއްވެސް ވަރަކަށް ކަންބޮޑުވާ ކަމެއް ނޫން،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ އިތުރަށް ބުނީ ޒިންމާ ނަގަންޖެހޭނީ މުޅި ޓީމުން ކަމަށާއި، އޭނާގެ ވަޒީފާއަކީ ހަމައެކަނި ލަނޑު ޖެހުން ނޫން ކަމަށެވެ. އޭނާގެ މަގްސަދަކީ ޓީމު ކުރިއަށް ގެންގޮސް، ދަތި އުނދަގޫ ވަގުތުތަކުގައި ޓީމުގެ އެއްބައިވަންތަކަން ދެމެހެއްޓުން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މިހާރު އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ އޭނާގެ ފާޑުކިޔުންތެރިންނަށް ވަރުގަދަ މެސެޖެއް ދީފައެވެ.

"ފާޑުކިޔާމީހުން ފާޑުކިޔާބަލަ. ގުނައިން ފާޑުކިޔާބަލަ. އަހަރެންގެ މަސައްކަތް ކުޑަވެސް މަޑުޖެހުމެއް ނާންނާނެ. މަސައްކަތް ދާނީ ކުރިއަށް. ޕޯޗުގަލްއަށްޓަކައި މި ކުރާ ހަނގުރާމަ އަހަރެން ދުވަހަކުވެސް ހުއްޓައެއް ނުލާނަން،" ރޮނާލްޑޯ ބުންޏެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ ރޮނާލްޑޯއަށް އޮތް އުންމީދުތައް އަބަދުވެސް ބޮޑު ނަމަވެސް، އޭނާ ދައްކައިދެނީ ފާޑުކިޔުންތައް ގިނަވާ ވަގުތުވެސް ހިތްވަރު ދޫނުކޮށް ކުރިއަށް ދެވޭނެކަމެވެ.