ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުވައްޒަފުން މަދު ކުރުމުގެ ސިޔާސަތައް ހެޔޮ ބަދަލެއް: ފެނަކައިން 97 މުވައްޒަފުން އަމިއްލައަށް ވަކިވަނީ!

ފެނަކައިގެ އެމްޑީ މުޙައްމަދު ޢަފީފް މުވައްޒަފުންތަކަކާ ސަލާން ކުރައްވަނީ --- ފޮޓޯ: ފެނަކަ
ފެނަކައިގެ އެމްޑީ މުޙައްމަދު ޢަފީފް މުވައްޒަފުންތަކަކާ ސަލާން ކުރައްވަނީ --- ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިންގުމުގެ ބޮޑެތި ޚަރަދުތައް ކުޑަކޮށް، މާލީ ގޮތުން ކުންފުނި ހަމަމަގަށް އެޅުވުމަށްޓަކައި ކުރިއަށްގެންދާ "ރައިޓްސައިޒް" ކުރުުމުގެ ސިޔާސަތުގެ ދަށުން، ހަތަރު މަސް ދުވަހުގެ މުސާރަ އެއްފަހަރާ ލިބޭގޮތަށް އަމިއްލައަށް ވަޒީފާއިން ވަކިވާން 97 މުވައްޒަފަކު ހުށަހަޅައިފިއެވެ.

މި އިޞްލާޙީ ފިޔަވަޅާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސެއިން ވިދާޅުވީ، ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް މަދުކުރުމަކީ މިވަގުތަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އެގޮތުން އަމިއްލައަށް އިސްތިއުފާ ދޭން ބޭނުންވާ މީހުންނަށް ދިން 10 ދުވަހުގެ މުއްދަތުގައި، މާލެ އާއި އަތޮޅުތެރޭގެ އެކި ސައިޓުތަކުން ގާތްގަނޑަކަށް 100 އެއްހާ މުވައްޒަފުން ވަޒީފާ ދޫކޮށްލަން ނިންމާފައިވާކަން އޭނާ ހާމަކުރެއްވިއެވެ.

އަފީފް މަގާމާ ހަވާލުވެވަޑައިގަތްއިރު ފެނަކައިގެ ޕޭރޯލްގައި 8,000 އެއްހާ މުވައްޒަފުން ތިބިއިރު، އެ މީހުންގެ މުސާރައަށް އެކަނިވެސް މަހެއްގެ މައްޗަށް 90 މިލިއަން ރުފިޔާ ޚަރަދުވަމުންދިޔަކަން ފާހަގަކުރެއްވިއެވެ. ކުންފުނީގެ މާލީ ބުރަ ބޮޑުވީ ކުރީގެ ސަރުކާރުތަކުން ސިޔާސީ ބޭނުންތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ވައްދާފައިވުމުން ކަމަށާއި، އޭގެ ތެރޭގައި ލިޔަންކިޔަން ނޭނގޭ މީހުންނާއި ޑިއުޓީ ގަޑީގައި މަސައްކަތަށް ނުގޮސް ގޭގައި ތިބޭ މީހުންވެސް ހިމެނޭ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މިފަދަ އިސްރާފުތަކުގެ ސަބަބުން ކުންފުނީގެ މުހިންމު މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ނުހުންނަކަން ފާހަގަކުރައްވަމުން އަފީފް ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ކުރާނެ މަސައްކަތެއް ނެތްކަން އަމިއްލައަށް ގަބޫލުކޮށް ބައެއް މުވައްޒަފުން ވަޒީފާއިން ވަކިވަމުންދާ ކަމަށެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ މި ސިޔާސަތުގެ ދަށުން ފެނަކައިގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންވެސް ވަނީ މުވައްޒަފުން މަދުކުރުމަށް ރިޑަންޑަންސީ ޕެކޭޖުތަކެއް ތައާރަފްކޮށްފައެވެ. ދައުލަތުގެ ކުންފުނިތަކުން ހާމަކުރާ ގޮތުގައި މި ހުރިހާ ފިޔަވަޅުތަކެއްގެ ބޭނުމަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ބޭކާރު ޚަރަދުތައް ނައްތާލުމެވެ.