ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލީ އިޞްލާޙީ ފިޔަވަޅުތަކާއެކު ރާއްޖޭގެ ބަޖެޓު ޑެފިސިޓާއި ދަރަނީގެ ހިރާސްތައް ކުޑަކުރެވިއްޖެ: ވޯލްޑް ބޭންކު

މާލީ އިޞްލާޙީ ފިޔަވަޅުތަކާއެކު ރާއްޖޭގެ ބަޖެޓު ޑެފިސިޓާއި ދަރަނީގެ ހިރާސްތައް ކުޑަކުރެވިއްޖެ: ވޯލްޑް ބޭންކު

ދައުލަތުގެ ބޭރުގެ ދަރަނި ބޮޑުވުމުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އެކުލަވާލައި ތަންފީޒުކުރި ހަރުދަނާ ސިޔާސަަތުތަކުގެ ސަބަބުން ބޮޑެތި ކާމިޔާބީތަކެއް ހާސިލުވެފައިވާކަން ބައިނަލްއަގުވާމީ މާލީ އިދާރާ، ވޯލްޑް ބޭންކުން ފާހަގަކޮށްފިއެވެ.

އެ އިދާރާއިން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް- 2026" ރިޕޯޓުގައިވާ ގޮތުން، ސަރުކާރުން ހަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު ދައުލަތުގެ ބަޖެޓު ޑެފިސިޓް ވަނީ ބޮޑުތަނުން ދަށްކުރެވިފައެވެ.

އެގޮތުން 2024 ވަނަ އަހަރު 10.8 ބިލިއަން ރުފިޔާގައި ހުރި ބަޖެޓު ޑެފިސިޓް، ވޭތުވެދިޔަ 2025 ވަނަ އަހަރު ނިމުނުއިރު 5.1 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައިވާ ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 9.9 އިންސައްތައިން 4.3 އިންސައްތައަށް ދަށްވުމެކެވެ. މީގެ އިތުރުން ދައުލަތުގެ ޖުމްލަ ހަރަދުތައް 2024 އާ އަޅާބަލާއިރު 8.3 އިންސައްތަ ދަށްވެ، ގައުމީ އުފެއްދުންތެރިކަމުގެ 37.1 އިންސައްތައަށް ތިރިކުރެވުނުއިރު، ދައުލަތުގެ އާމްދަނީ ވަނީ 12 އިންސައްތައިގެ ކުރިއެރުމަކާއެކު ގައުމީ އުފެއްދުންތެރިކަމުގެ 33 އިންސައްތައަށް މަތިވެފައެވެ.

މާލީ ދާއިރާއިން ލިބުނު އަނެއް ބޮޑު ކާމިޔާބީއަކީ ދައުލަތުން ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ސުކޫކު ޕޭމެންޓުތަކާއި، އެސްބީއައިގެ ދަރަންޏާއި، ކަރަންސީ ސްވޮޕް ފައިސާ ބަރާބަރަށް އަނބުރާ ދައްކާ ޚަލާާސްކުރުމެވެ. މިއާއެކު ރާއްޖެ ބަނގުރޫޓުވެދާނެކަމަށް އޮތް ބިރުވެރިކަމާއި ހިރާސްތައް މުޅިން ނައްތާލެވިފައިވާ ކަމަށް ވޯލްޑް ބޭންކުން ހާމަކުރެއެވެ. އަދި މި ފިޔަވަޅުތަކުގެ ހެޔޮ އަސަރާއެކު ކުރިއަށް އޮތް 2027 އަދި 2028 ވަނަ އަހަރު ދަރަނި ދެއްކުމަށް ކުރަންޖެހޭ ހަރަދުތަކުން ގާތްގަނޑަކަށް 450 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެއެވެ.

ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓަށް ބަލާއިރު، 2024 ވަނަ އަހަރު ބޭރު ފައިސާ ވަންނަ މިންވަރާއި ބޭރުވާ މިންވަރުގެ ފަރަގު 1.5 ބިލިއަން ޑޮލަރުގައި ހުރުމަށްފަހު، 2025 ގައި އެ އަދަދު ވަނީ 578 މިލިއަން ޑޮލަރަށް ދަށްވެފައެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއެކު ރާއްޖޭގެ ރަސްމީ ރިޒާވް 2026 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް 1.3 ބިލިއަން ޑޮލަރަށް އެރިއެވެ. އަދި އޭޕްރީލް މަހު ދައްކަންޖެހުނު ބޮޑެތި ދަރަނިތައް ދައްކާ ނިންމުމަށްފަހުވެސް، މޭ މަހުގެ ނިޔަލަށް ރިޒާވްގައި 717.9 މިލިއަން ޑޮލަރު ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޒާވްގެ ހާލަތު މިހާ ބޮޑަށް ރަނގަޅުވުމުގެ މައިގަނޑު ސަބަބުތަކަކީ ބޭރު ފައިސާ މާރުކުރުން ލާޒިމުކުރުމާއި، ޑޮލަރުން ލިބޭ ޓެކްސް އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކުގެ އިތުރުން 2024 ގެ ފަހުކޮޅު އިންޑިއާގެ ރިޒާވް ބޭންކާއެކު ހެދި ކަރަންސީ ސްވޮޕް އެއްބަސްވުމެވެ.

ވޯލްޑް ބޭންކުގެ އިތުރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިންވެސް ވަނީ މާލީ ދަތިތަކުން އަރައިގަތުމަށް ރާއްޖެއިން ކުރި މި ހަރުދަނާ މަސައްކަތްތަކަށް ތައުރީފުކޮށް، މިއީ ނަތީޖާ ނެރެދިން ކާމިޔާބު ސިޔާސަތުތަކެއްގެ ގޮތުގައި ބަލައިގެންފައެވެ.