ފެނަކައިން "އިސްލާމީ ބަހާތަކުން ކާމިޔާބު މުވައްޒަފަކަށް" ވުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް އިފްތިތާޙުކޮށްފި
ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރޭނިންގ އެންޑް ރިސާޗާއި، ޖަމްޢިއްޔަތުއްސަލަފްގެ ޢުޔޫން އިންސްޓިޓިއުޓް ގުޅިގެން "އިސްލާމީ ބަހާތަކުން ކާމިޔާބު މުވައްޒަފަކަށް" މި ނަމުގައި ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މިއަދު އިފްތިތާޙުކޮށްފިއެވެ.
މި ޕްރޮގްރާމަކީ ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނަށް ބޭނުންވާ އިދާރީ ހިންގުމުގެ މުހިންމު އިރުޝާދުތައް ފޯރުކޮށްދިނުމަށާއި، މުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤާއި ސުލޫކު އިޞްލާޙުކޮށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
މިއީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުވެފައިވާ ފެނަކައިގެ ބްރާންޗުތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ޝާމިލުވާ ގޮތަށް، ދިގު މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ވަރަށް ފުޅާ އަދި ބޮޑު ހަރަކާތެކެވެ.
Ads by BMLފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކަކަށް ފެނާއި، ނަރުދަމާގެ އިތުރުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަކަށް ވުމުން، އެ ކުންފުނީގެ މުވައްޒަފުންނަކީ އާންމު ރައްޔިތުންނާ ގާތުން ޚިދުމަތް ދޭންޖެހޭ ބައެކެވެ. އެހެންކަމުން މުވައްޒަފުންގެ މަސައްކަތުގެ ސުލޫކު އިސްލާމީ ހަމަތަކުގެ މަތިން ބައްޓަންކުރުމަކީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންގެ އިތުބާރު ބޮޑުވުމަށް މަގުފަހިވާނެ ކަމެކެވެ.
މީގެ ކުރިންވެސް ފެނަކައިން ވަނީ މުވައްޒަފުންގެ ހުނަރާއި ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި އެކި ދާއިރާތަކުން ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި މަސައްކަތު ބައްދަލުވުންތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިލްސިލާކޮށް ކުރިއަށް ގެންގޮސްފައެވެ.
Ads by MACL
