ގިރިފުށި ޓްރޭނިންގ ސެންޓަރު ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢު ރަސްމީކޮށް ފަށައިފި
ދިވެހި އަސްކަރިއްޔާގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ހިންގާ ސްޓްރެޓީޖިކް ސިޔާސަތުތަކުގެ ދަށުން، ކ. ގިރިފުށި ޓްރޭނިންގ ސެންޓަރުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢު މިއަދު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
ގިރިފުށީގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު އަސްކަރީ ދާއިރާ ކުރިއެރުވުމަށް ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ފެށިގެންދިޔަ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ ފުރަތަމަ ފޭސްގައި، ގިރިފުށީގައި މިހާރު އޮތް 5.7 ހެކްޓަރުގެ ބިމުގެ ސަރަހައްދަށް އިތުރު 13.3 ހެކްޓަރުގެ ބިން ހިއްކައި ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، ރަށް ގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުމާއި، ބޭރުތޮށްޓާއި ގްރޮއިންސް ލައިގެން އައްސޭރިފަށުގެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ ބައިގެ ތެރެއިން، އުޅަނދުފަހަރު ފަސޭހަކަމާއެކު ކައިރިކުރެވޭނެ ގޮތަށް އެލް-ބްލޮކް ކީ-ވޯލް ހެދުމުގެ އިތުރުން، 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު، ސިފައިންގެ އަސްކަރީ ތަމްރީނުތައް ހަރުދަނާކުރުމަށްޓަކައި، މިހާރު ބޭނުންކުރަމުންދާ 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި، ޒަމާނީ ވަސީލަތްތަކާއެކު 300 މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް މި މަޝްރޫޢުގެ ދަށުން ގާއިމުކުރާނެއެވެ.
މި ހުރިހާ މަސައްކަތްތަކެއް ނިމުމުން، ގިރިފުށި ބަދަލުވެގެންދާނީ ފުރިހަމަ ވަސީލަތްތަކާއެކު ސިފައިން ތަމްރީނުކުރާ ޒަމާނީ މަރުކަޒަކަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ފައްޓަވާފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމްގެ މައި ހަބަށް ވެސް ވެގެންދާނެއެވެ. މި މަރުކަޒުގައި އޮފިސަރ ޓްރެއިނިންގ ވިންގާއި އެންސީއޯ އެކެޑަމީގެ ތަމްރީންތަކަށް ބޭނުންވާ އުމްރާނީ ވަޞީލަތްތަކާއި އެކޮމޮޑޭޝަން ފެސިލިޓީތައް ވެސް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.
މި މަޝްރޫޢު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން އެމްއެންޑީއެފްގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by MACL
