ފަސޭހަ މޮޅަކާއެކު ނެދަލެންޑްސްއަށް ދެވަނަ ބުރާއި ގާތަށް
މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ކޯޑީ ގަކްޕޯ ދިން ބޯޅައަކުން ބްރަޔަން ބްރޮބީ ވަނީ ނެދަލެންޑްސްއަށް ލީޑު ނަގައިދީފައެވެ. އަދި 17 ވަނަ މިނެޓުގައި ޑެންޒެލް ޑަމްފްރީޒްގެ އެހީތެރިކަމާއެކު ބްރޮބީ ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފުގައި ސްވިޑެންގެ ވިކްޓާ ޔޯކަރެސް އާއި އެލެކްސެންޑާ އިސާކްއަށް ލިބުނު ފުރުސަތުތައް ނެދަލެންޑްސްގެ ކީޕަރު ބާޓް ވާބްރުގެން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ނެދަލެންޑްސް އިން ވަނީ އިތުރު ދެ ގޯލު ޖަހައިފައެވެ. މެޗުގެ 47 ވަނަ މިނެޓާއި 54 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ކާމިޔާބުކުރި ދެ ގޯލާއެކު ނެދަލެންޑްސް އިން ހަތަރު ގޯލުގެ ލީޑެއް ހޯދިއެވެ. ސްވިޑެންގެ ހަމައެކަނި ގޯލު 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އެންތަނީ އެލަންގާ އެވެ. ނެދަލެންޑްސްގެ ފަސްވަނަ ގޯލު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ކްރިސެންސިއޯ ސަމާވިލް އެވެ.
މި މޮޅާއެކު ނެދަލެންޑްސްއަށް ވަނީ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުވެފައެވެ. މީގެ ކުރިން ކުޅުނު މެޗުގައި ޖަޕާން އަތުން 2-2 އިން އެއްވަރުވެފައި އޮތް ނެދަލެންޑްސްއަށް މިރޭގެ މޮޅަކީ ނުހަނު މުހިންމު މޮޅެކެވެ. އަނެއްކޮޅުން ފުރަތަމަ މެޗުގައި ޓިއުނީޝިއާ ބަލިކުރި ސްވިޑެންއަށް މި ބައްޔާއެކު ކުރިއަށް އޮތް މެޗުތަކުގައި އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ.
ނެދަލެންޑްސްއަކީ ވޯލްޑް ކަޕްގެ ތާރީހުގައި ތިން ފަހަރެއްގެ މަތިން ފައިނަލްގައި ކުޅެފައިވާ، ނަމަވެސް މިހާތަނަށް ތަށި ހޯދިފައިނުވާ ގައުމެކެވެ. މިފަހަރުގެ މުބާރާތަށް އެޓީމުން ނުކުތީ ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ވަރުގަދަ ސްކޮޑަކާއެކުގައެވެ. ސްވިޑެން ވެސް ވަނީ 1958 ވަނަ އަހަރުގެ ފައިނަލްގައި ކުޅުމުގެ އިތުރުން އެކި ފަހަރު މަތިން މުބާރާތުގެ ފަހު މަރުހަލާތަކަށް ދަތުރުކޮށްފައެވެ.
Ads by MACL
