އިކުއެޑޯ ހިފަހައްޓައި، ވޯލްޑް ކަޕްގެ ތާރީޚުގައި ކިއުރެސާއޯއިން ފުރަތަމަ ޕޮއިންޓް ހޯދައިފި!
ދޮޅުލައްކައެއްހާ މީހުންގެ ކުޑަކުޑަ އާބާދީއެއް އޮންނަ ކިއުރެސާއޯ އިން މެޗު އެއްވަރުކުރުމަކީ، އެ ގައުމުގެ ތާރީހުގައި ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތުގައި ހޯދި ފުރަތަމަ ޕޮއިންޓެވެ. މުބާރާތުގެ ފުރަތަމަ މެޗުން ދެ ގައުމު ވެސް ވަނީ ބަލިވެފައެވެ. އެގޮތުން އިކުއެޑޯ އައިވަރީ ކޯސްޓް އަތުން 1-0 އިން ބަލިވިއިރު، ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކިއުރެސާއޯ ފުރަތަމަ މެޗުން ބަލިވީ ޖަރުމަނު އަތުން 7-1 އިންނެވެ.
މި މެޗުގައި އިކުއެޑޯ އިން ވަނީ މެޗުގެ ބޮޑުބައެއް ކޮންޓްރޯލްކޮށް، ކިއުރެސާއޯގެ ގޯލަށް ނުރައްކާތެރި 26 ހަމަލާ ފޮނުވާލާފައެވެ. ނަމަވެސް ކިއުރެސާއޯގެ ވަރުގަދަ ޑިފެންސާއި ގޯލްކީޕަރު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މެޗުގެ ދެވަނަ މިނެޓުގައި އިކުއެޑޯގެ ފޯވާޑް އެނާ ވެލެންސިއާ ފޮނުވާލި ބާރު ހަމަލާ ކިއުރެސާއޯގެ ކީޕަރު ދިފާއުކުރިއިރު، މެޗުގެ ފަހުކޮޅު އޭންޖެލޯ ޕްރެސިއާޑޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ކިއުރެސާއޯގެ ގޯލްކީޕަރު އެލޯއީ ރޫމް ވަނީ މި މެޗުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ އިކުއެޑޯގެ ނުރައްކާތެރި 13 ހަމަލާއެއް ދިފާއުކޮށް، އަމިއްލަ ގައުމަށް ތާރީހީ ޕޮއިންޓެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
ނެދަލެންޑްސްގެ ޓެރިޓަރީއެއްގެ ގޮތުގައި އޮންނަ ކިއުރެސާއޯގެ ކޯޗަކީ ނެދަލެންޑްސްގެ ކުރީގެ ކޯޗު ޑިކް އެޑްވޮކާޓެވެ. ވޯލްޑް ކަޕްގެ ތަޖުރިބާކާރު އެޑްވޮކާޓް މި މެޗަށް ކިއުރެސާއޯ ނެރުނީ ވަރަށް ބޮޑަށް ޑިފެންސިވް އަދި ފިޒިކަލް ގޭމެއް ކުޅުމުގެ ވިސްނުމުގައެވެ.
މި ނަތީޖާއާއެކު ދެ ޓީމަށް ވެސް މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އަދިވެސް އެބައޮތެވެ. ނަމަވެސް ކުރިއަށް އޮތް މެޗުތަކުން މޮޅުވުން ދެ ޓީމަށް ވެސް މިހާރު ވަނީ މަޖުބޫރުވެފައެވެ.
Ads by MACL
