ދަރަވަންދޫގައި ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް މިއަދު ފަށައިފި
މަރުކަޒީކޮށް ދެމުން އައި މުހިއްމު ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން އަތޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ބ. ދަރަވަންދޫގައި ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
މި ބަދަލާއެކު ބ. އަތޮޅުގެ ރައްޔިތުންނަށް މާލެ ނުގޮސް، ފަސޭހަކަމާއެކު އަމިއްލަ އަތޮޅުން ޕާސްޕޯޓާ ހަވާލުވުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.
މި ޚިދުމަތް އިފްތިތާޙު ކުރުމަށްޓަކައި މިއަދު ދަރަވަންދޫގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ، ޗީف ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަޙްމަދު ވަޙީދެވެ. މީގެއިތުރުން ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ސަމީޙާއި، ކައުންސިލް މެންބަރުންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި އިމިގްރޭޝަންގެ އިސް އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިހާރު "އިމުގާ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު، ބ. އަތޮޅުން ޕާސްޕޯޓު ބަލައިގަންނަން ބޭނުންވާ ފަރާތްތަކަށް "ކަލެކްޝަން ޕޮއިންޓް" އެއްގެ ގޮތުގައި އޭދަފުށީގެ އިތުރުން ދަރަވަންދޫ ވެސް އިޚްތިޔާރު ކުރެވޭނެއެވެ. މިއީ ރައްޔިތުންނަށް ޚިދުމަތްތައް ވީހާވެސް ގާތުން ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިއްމު ފިޔަވަޅެކެވެ.
ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމަކުން ހިންގުން ހަރުދަނާކޮށް، މީގެ ކުރިން މާލެއަށް އެކަނި ބަރޯސާވެފައި އޮތް އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކޮށް، އަތޮޅުތެރޭގެ ދިރިއުޅުން ފަސޭހަކޮށްދިނުމެވެ.
Ads by MACL
