ބޯހިޔާވަހިކަމުގެ ސްކީމަށް ހުށަހެޅި ފޯމުތަކުގެ ސައްހަކަން ބަލަން ފަށައިފި
ސަރުކާރުން އަލަށް ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރުސަތުގައި ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގައިވާ މައުލޫމާތުތައް ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ "ކްރޮސް ވެރިފިކޭޝަން" ގެ އަމަލީ މަސައްކަތްތައް ހައުސިން މިނިސްޓްރީން ފަށައިފިއެވެ.
މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލި މި ފުރުސަތުގައި "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް ރެކޯޑު އަދަދަކަށް ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.
މިއީ ރާއްޖޭގެ ތާރީޚުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް މިހާ ގިނަ އަދަދެއްގެ ފޯމު ހުށަހެޅުނު ފުރަތަމަ ފަހަރު ކަމަށްވާއިރު، ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި މާލޭގައި ދިރިއުޅުނު މުއްދަތުތަކުގެ ސައްހަކަން ކަށަވަރު ކުރަމުންދާނީ ދައުލަތުގެ ކަމާބެހޭ އެކި އިދާރާތަކުގައި ހުރި ރަސްމީ މައުލޫމާތުތަކަށް ބަލައިގެންނެވެ.
މި ފަހަރުގެ ޕޯޓަލް ފަރުމާކޮށްފައި ވަނީ ފޯމު ހުށަހަޅާއިރުވެސް ޝަރުތުހަމަވާ މިންވަރާއި ލިބޭ ޕޮއިންޓްތަކުގެ ތަފްސީލު ފެންނާނެ ގޮތަށް ކަމަށްވިޔަސް، މި ވެރިފިކޭޝަން މަރުހަލާ އެއްކޮށް ނިންމާލެވޭނެ ސީދާ ތާރީޚެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ޖުމްލަ 7,900 ފްލެޓާއި 15,000 ގޯތި ދޫކުރަން ނިންމާފައިވާއިރު، އޭގެ ތެރޭގައި މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ ގިނަދުވަސްވީ ފަރާތްތަކުގެ އިތުރުން ޚާއްސަ ކެޓަގަރީތައް ހިމެނެ އެވެ.
މިހާރުވެސް ބައެއް ފްލެޓްތަކުގެ އަމަލީ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްދާއިރު، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫއުތައް އެއްކޮށް ނިންމައި ހަވާލުކުރުމެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ރަސްމާލެއިން 25,000 ގޯތި ދޫކުރަން ނިންމާފައިވާއިރު، އެ ބިމުން ފުރަތަމަ ބުރުގައި 15,000 ގޯތި ދޫކުރުމަށްޓަކައި ބިން ހިއްކުމުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމާފަ އެވެ.
Ads by MACL
