ގްރޭޑް 9 އަދި 10 ގެ ގިނަ ދަރިވަރުން ނިދަނީ މެންދަމު ފަހުން ކަމަށް ދިރާސާއަކުން ދައްކައިފި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކުރިއަށް ގެންދިޔަ ޚާއްޞަ ދިރާސާއަކުން، ގްރޭޑް 9 އަދި 10 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގިނަ ދަރިވަރުން ނިދަނީ މެންދަމުން އަލިވެ ބޮޑުވާފަހުން ކަމަށް ދައްކައިފިއެވެ.
މި ދިރާސާއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައިވަނީ އިސްލާމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. އާމިނަތު ޝާފިޢާއެވެ. ޑރ. ޝާފިޢާ މިކަން ހާމަކުރެއްވީ ދ. އަތޮޅު އެޑިޔުކޭޝަން ސެންޓަރުގައި ބޭއްވުނު އެ މަދަރުސާގެ އަހަރީ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
ބައެއް ދަރިވަރުންގެ ސްކޫލު ހާޒިރީ ދަށްވަމުންދާ މައްސަލަ ދެނެގަތުމަށް އިސްލާމީ ޔުނިވަރސިޓީން ކުރިއަށް ގެންދިޔަ މި ދިރާސާ އަމާޒުކޮށްފައިވަނީ މާލޭގެ ބައެއް ސްކޫލުތަކުގެ އިތުރުން، މާލެ އަތޮޅާއި، އަރިއަތޮޅު އުތުރުބުރީގެ އަދި ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ސްކޫލުތަކަށެވެ. މި ދިރާސާގެ ނަތީޖާއިން ފެނިގެންދިޔައީ ނުހަނު ހިތާމަވެރި މަންޒަރެއް ކަމަށް ޑރ. ޝާފިޢާ ފާހަގަކުރެއްވިއެވެ.
Ads by BMLދިރާސާއަށް މައިގަނޑު ގޮތެއްގައި މައުލޫމާތު އެއްކުރި ގްރޭޑް 9 އަދި 10 ގެ ދަރިވަރުންގެ ފަރާތުން އެނގުނުގޮތުގައި، އެކުދިން އާންމުކޮށް ނިދަން އޮށޯންނަނީ މެންދަމު 1:30 އާއި 2:30 އާ ދެމެދުގައެވެ. އަދި ބައެއް ކުދިން މެންދަމު 3:30 އާއި ފަތިހު 4:00 އާ ދެމެދުވެސް ހޭލައި ތިބޭކަން ދިރާސާއިން ވަނީ ހާމަވެފައެވެ.
މިއީ ބޮޑެތި މީހުންގެ ވާހަކައެއް ނޫންކަމާއި، މިއީ މުސްތަޤުބަލާ ކުރިމަތިލާން ތިބި ޒުވާން ކުދިންގެ ޙާލަތުކަން ފާހަގަކުރައްވައި ޑރ. ޝާފިޢާ ވަނީ މިއީ ނުހަނު ކަންބޮޑުވާންޖެހޭ ހިތާމަވެރި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެހެންކަމުން، ކޮންމެ ދަރިވަރަކުވެސް ނަބަވީ އިރުޝާދުތަކާ އެއްގޮތަށް ތިމާގެ ހުސްވަގުތާއި ސިއްހަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ދިރިއުޅުމުގެ އާދަކާދަތައް ބަދަލުކޮށް ސިއްހަތަށް ސަމާލުކަން ދިނުމަށް އެކަމަނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
Ads by MACL
