ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަނެއްކާވެސް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 6،000 ވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި

އަނެއްކާވެސް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 6،000 ވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގެންފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން، މާލޭ ވިޔަފާރި ބަނދަރުގައި އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، ޖޫން 20 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި މި އޮޕަރޭޝަނަކީ ލިބުނު މައުލޫމާތަކަށް ބިނާކޮށް ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއަރ ކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކުރިއިރު، އެ ޝިޕްމަންޓުގެ ތެރޭގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ ވޭޕް ފެނިފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މި ޝިޕްމަންޓުގެ ތެރެއިން ޖުމްލަ 6,328 ވޭޕް ކާޓްރިޖް ފެނިފައިވާއިރު، މިހާރު އެ ތަކެތި ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ކަސްޓަމްސްއިން އިތުރަށް ވިދާޅުވީ މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި މަހުގެ 18 ވަނަ ދުވަހުވެސް ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައި 15,601 ވޭޕް ކާޓްރިޖް އަތުލައިގެންފައިވެއެވެ. މިއީ ވޭޕްއާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރި ފަހުން އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓު ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.