ސިނގިރޭޓަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން މާދަމާ މަޖިލީހަށް ހުށައަޅަނީ
ސިނގިރޭޓަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ. މި ބިލުގެ ފުރަތަމަ ކިއުން އިއްވުން މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނާފައެވެ.
ސަރުކާރުން ހުށަހަޅާ މި އިސްލާހުގައިވާ ގޮތުން، ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމުގެ އިތުރުން، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 ޕަސެންޓް ކަމަށް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް އިން ނަގާ ޑިއުޓީ 50 ޕަސެންޓުން 30 ޕަސެންޓަށް، އަދި ސްޓިކަކުން ނަގާ 8 ރުފިޔާ 4 ރުފިޔާއަށް ކުޑަކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
Ads by BMLމި ބަދަލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވެފައިވަނީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި މި ބަދަލަކީ ކޮންމެހެން ކުރަންޖެހޭ "ޒަރޫރީ" ބަދަލެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވި ގޮތުގައި، މި ބަދަލު ގެންނަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ ލަފާގެ މަތިންނެވެ.
ސަރުކާރުން މިފަދަ ބަދަލެއް ގެންނަން ނިންމާފައި މިވަނީ، 2024 ވަނަ އަހަރު ސިނގިރޭޓުން ނަގާ ޑިއުޓީ 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރުމާ ގުޅިގެން ކަޅު ބާޒާރެއް އުފެދި، ދައުލަތަށް ލިބެންޖެހޭ އާމްދަނީއަށް އަސަރުކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ބިލުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި ޕެޗް ފަދަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ވެސް ވަނީ ހުށަހަޅާފައެވެ.
މި ސަރުކާރުން ވަނީ މީގެ ކުރިން ވޭޕާއި އީ-ސިނގިރޭޓް ރާއްޖޭގައި މަނާކޮށް، 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ މުހިންމު ސިޔާސަތެއް ވެސް އިޢުލާނުކޮށްފައެވެ.
Ads by MACL
