ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައިފޯނުގެ އަގު އުފުލިދާނެ ކަމުގެ އިޝާރާތެއް ޓިމް ކުކް ދެއްވައިފި

އައިފޯނުގެ އަގު އުފުލިދާނެ ކަމުގެ އިޝާރާތެއް ޓިމް ކުކް ދެއްވައިފި

ދުނިޔޭގެ ޓެކްނޮލޮޖީ މާކެޓުގައި އެންމެ މަގުބޫލު އެއް އުފެއްދުން ކަމަށްވާ އައިފޯނުގެ އަގުތައް ކުރިއަށް އޮތް ތަނުގައި ބޮޑުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް ވިދާޅުވެއްޖެއެވެ.

ވޯލް ސްޓްރީޓް ޖާނަލްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއަށް އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން ފޯނު އުފެއްދުމަށް ބޭނުންވާ މެމޮރީ އަދި ސްޓޯރޭޖް ޗިޕްތަކުގެ އަގު އަންނަނީ އުފުލެމުންނެވެ. މީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގެންގުޅުއްވާ ވިޔަފާރީގެ އާ ސިޔާސަތުތަކުގެ ސަބަބުން ވެސް އަގުތަކަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ.

މި ބަދަލުތަކާ ގުޅިގެން ކަސްޓަމަރުންނަށް އުފުލަންޖެހޭ ބުރަ ކުޑަކޮށްދިނުމަށް އެޕަލް އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ކުކް ވިދާޅުވިއެވެ. ނަމަވެސް ބާޒާރުގެ މިހާރުގެ ހާލަތު ހުރި ގޮތުން، ފޯނުގެ އަގުތައް މިހާރު ހުރި މިންވަރުގައި ހިފެހެއްޓުމަކީ ކުރިއަށް އޮތް ތަނުގައި ދަތި ކަމަކަށް ވެދާނެ ކަމަށް އޭނާ އިއުތިރާފުވެވަޑައިގެންނެވިއެވެ.

މި ދަނޑިވަޅަކީ އެމެރިކާގެ ސެމިކޮންޑަކްޓަރ ސިނާއަތް ކުރިއަރުވައި، ބޭރުގެ ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ވައިޓް ހައުސްއިން ހާއްސަ ޕްލޭނެއް އެކުލަވާލާފައިވާ ވަގުތެކެވެ. ރައީސް ޓްރަމްޕް ޓްރޫތު ސޯޝަލްގައި ހާމަކުރެއްވި ގޮތުގައި، އެޕަލް އިން މިހާރު ވަނީ އިންޓެލް ކޯޕަރޭޝަނާ ގުޅިގެން އެމެރިކާގެ ފަސްގަނޑުގައި ސެމިކޮންޑަކްޓަރ ފަރުމާކޮށް އުފެއްދުމަށް އެއްބަސްވުމަކަށް އައިސްފައެވެ. ޓްރަމްޕް ބާރުއަޅުއްވަނީ އެމެރިކާގައި ފަރުމާކުރާ ހުރިހާ އެއްޗަކީ އެ ގައުމުގައި އުފައްދާ އެއްޗެއްސަށް ހެދުމަށެވެ.

މި އާ އެއްބަސްވުމުގެ ސަބަބުން ހިއްސާގެ ބާޒާރަށް ވެސް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ އިރު، އިންޓެލް ކުންފުނީގެ ހިއްސާގެ އަގު ވަނީ ނުވަ އިންސައްތައަށް އުފުލިފައެވެ. އެމެރިކާ ސަރުކާރުގެ 10 އިންސައްތަ ހިއްސާ އޮންނަ އިންޓެލްގެ ޖުމްލަ އަގު މިހާރު ވަނީ 600 ބިލިއަން ޑޮލަރަށް އަރާފައެވެ. ނަމަވެސް މި ސީދާ އެއްބަސްވުމާ ގުޅޭގޮތުން އެޕަލް ނުވަތަ އިންޓެލް އިން ރަސްމީކޮށް އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

މިހާތަނަށް އެޕަލް އިން އެންމެ ބޮޑަށް ބަރޯސާވަމުން އައީ ޓައިވާންގެ ޓީއެސްއެމްސީ ކުންފުންޏަށެވެ. އެމެރިކާއަށް އެތެރެކުރާ ސެމިކޮންޑަކްޓަރތަކުން 100 އިންސައްތައިގެ ޓެކުހެއް ނެގުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވީ ނަމަވެސް، އެމެރިކާގެ އެތެރޭގައި ތަކެތި އުފައްދާ ކުންފުނިތަކަށް މި ޓެކުހުން އިސްތިސްނާ ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.