ވޯލްޑް ކަޕް 2026: ކޭޕް ވާޑްގެ ތާރީޚީ ދަތުރަށް ނިމުމެއް ނެތް، އުރުގުއާއީ ވެސް ހިފަހައްޓައިފި
ފީފާ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑުން، ދުނިޔޭގެ ފުރަތަމަ ޗެމްޕިއަން އުރުގުއާއީއާ ވާދަކޮށް 2-2 އިން އެއްވަރުކޮށް މުޅި ދުނިޔެ ސިއްސުވާލައިފިއެވެ.
އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް އެޗްގެ މި ފޯރިގަދަ މެޗުގައި، ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ގައުމު ކަމަށްވާ އުރުގުއާއީއަށް ކޭޕް ވާޑްގެ ވަރުގަދަ ހިތްވަރު ބަލިކޮށްލެވޭ ގޮތެއް ނުވިއެވެ.
މެޗުގެ 21 ވަނަ މިނެޓުގައި ކެވިން ޕީނާ ކާމިޔާބުކޮށްދިން ހިލޭ ޖެހުމާއެކު ކޭޕް ވާޑުން ވަނީ ލީޑު ނަގައިފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި އެ ގައުމުން ޖެހި ފުރަތަމަ ގޯލެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އުރުގުއާއީގެ މަކްސިމިލިއާނޯ އަރައުހޯ އާއި އަގުސްޓިން ކަނޯބިއޯ ޖެހި ގޯލުތަކުން އުރުގުއާއީން ފުރަތަމަ ހާފު ނިންމާލީ 2-1 އިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ކޭޕް ވާޑުން ކުޅުން ރަނގަޅުކޮށް، މެޗުގެ 61 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރިއެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ހެލިއޯ ވަރޭލާ އެވެ. އުރުގުއާއީގެ ކީޕަރު ފެނާންޑޯ މުސްލޭރާ އާއި ޑިފެންޑަރު އޮލިވޭރާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ވަރޭލާ ވަނީ ހުސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
މި މެޗުގައި ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާ ވަނީ އުރުގުއާއީގެ ވަރުގަދަ ހަމަލާތަކެއް ދިފާއުކޮށް، މޮޅު ކުޅުމެއް ދައްކާފައެވެ. އުރުގުއާއީގެ ކެޕްޓަން ފެޑެރީކޯ ވަލްވާޑޭ އާއި ބެންޓަކޫރަށް ލިބުނު ފުރުސަތުތައް ކޭޕް ވާޑްގެ ޑިފެންސުން ވަނީ ހުށިޔާރުކަމާއެކު ބްލޮކްކޮށްފައެވެ.
މި ނަތީޖާއާއެކު ގްރޫޕް އެޗްގެ ތާވަލަށް ބަލާއިރު، އެއްވަނައިގައި އޮތީ 4 ޕޮއިންޓާއެކު ސްޕެއިނެވެ. އުރުގުއާއީ އާއި ކޭޕް ވާޑަށް 2 ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސައުދީ އަރަބިއްޔާއަށް ލިބިފައިވަނީ 1 ޕޮއިންޓެވެ. ދެވަނަ ބުރަށް ދިއުމަށް އުރުގުއާއީއަށް ފަހު މެޗުގައި ސްޕެއިން ބަލިކުރުން މަޖުބޫރުވާއިރު، ކޭޕް ވާޑުން ނުކުންނާނީ ސައުދީއާ ދެކޮޅަށެވެ.
Ads by MACL
