ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދަރިފުޅު ވިހެއުމަށްފަހު މަރާލި މައްސަލަ: މާމައާއި ބައްޕަ ހިމެނޭހެން ތިން މީހަކަށް ޖަލު ހުކުމް

ދަރިފުޅު ވިހެއުމަށްފަހު މަރާލި މައްސަލަ: މާމައާއި ބައްޕަ ހިމެނޭހެން ތިން މީހަކަށް ޖަލު ހުކުމް

އަލަށް އުފަންވި ތުއްތު ކުއްޖަކު މަރާލި މައްސަލައިގައި ކުށުގެ ތުހުމަތު ސާބިތުވި އެ ކުއްޖާގެ މާމައާއި ބައްޕަ ހިމެނޭ ގޮތަށް ތިން މީހަކު ޖަލަށް ލުމަށާއި، ކައްފާރާގެ ރޯދަ ހިފުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި ބިރުވެރި ހާދިސާގައި ދައުވާ ލިބުނު ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން ކޯޓުން ވަނީ އެކި މުއްދަތުގެ ޖަލު ހުކުމްތައް އިއްވާފައެވެ.

މި މައްސަލައިގައި އެނގިހުރެ މީހަކު މެރުމުގެ ކުށް ސާބިތުވި ކުއްޖާގެ ބައްޕަ، ހއ. ފިއްލަދޫ، ޝެޑޯ، މޫސާ އަހުސަމް 5 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން، ތަންފީޒު ކުރަން ޖެހޭނީ 3 އަހަރާއި 7 މަސް ދުވަހުގެ ޖަލު އަދަބެކެވެ. މީގެ އިތުރުން، އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށާއި ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ ރިޕޯޓް ނުކުރުމުގެ ކުށް ސާބިތުވި ކުއްޖާގެ މާމަ، އދ. މާމިގިލި، ގްރީންލައިޓް، އާއިޝަތު ޝާއިރާއަށް ވަނީ ޖުމްލަ 3 އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ.

މި ހާދިސާގައި ބައިވެރިވި ޝާއިރާގެ ލޯބިވެރިޔާ، ތ. މަޑިފުށި، ސޯސަންވިލާ، މުހައްމަދު އިމްތިޔާޒުގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެ، އޭނާ 2 އަހަރާއި 6 މަސް ދުވަހަށް ޖަލަށް ލުމަށް ވެސް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި މި މައްސަލައިގައި ކުށް ސާބިތުވި އަހުސަމް، ޝާއިރާ، އަދި އިމްތިޔާޒްގެ މައްޗަށް ޖަލު އަދަބުގެ އިތުރުން، ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

މަރާލާފައިވާ ތުއްތު ކުއްޖާއަކީ ޝާއިރާގެ 18 އަހަރު ނުފުރޭ އަންހެން ދަރިއަކަށް، އަހުސަމްއާ ކައިވެނީގެ ބޭރުން ލިބިފައިވާ ކުއްޖެކެވެ. ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމާއި، ކުޑަކުއްޖަކު މަރާލުމުގެ ބާވަތުން، މި މައްސަލައިގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ އާންމުންނަށް ހުޅުވާނުލައި ސިއްރު މާލަމެއްގައެވެ.

އެހެންކަމުން މި މައްސަލަ ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓު ކޯޓުން އާންމުކޮށްފައެއް ނުވެއެވެ.