ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލ. އަތޮޅުގެ ގިނަ ބަޔަކަށް އަމާޒުކޮށްގެން ޓްރީ ޓޮޕުން ކާމިޔާބު ސިއްހީ ކޭމްޕެއް ބާއްވައިފި

ލ. އަތޮޅުގެ ގިނަ ބަޔަކަށް އަމާޒުކޮށްގެން ޓްރީ ޓޮޕުން ކާމިޔާބު ސިއްހީ ކޭމްޕެއް ބާއްވައިފި

ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި އެ ރަށު ކައުންސިލްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން، ޓްރީ ޓޮޕް ހޮސްޕިޓަލުން އެ އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބޭއްވި މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕް ބޮޑު ތަރުހީބަކާއެކު ނިންމާލައިފިއެވެ.

މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތަކީ އެ ހޮސްޕިޓަލުން މިއަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ރޭވި ކޭމްޕްތަކުގެ ތެރެއިން ބޭއްވި ދެވަނަ ކޭމްޕެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ޕްރޮގްރާމްގެ ތެރެއިން ޖުމްލަ 462 މީހަކަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ މަޝްވަރާ އާއި ފަރުވާ ވަނީ ހޯދައިދީފަ އެވެ. މި ކޭމްޕްގައި ހިތުގެ ބަލިތައް، ހަކުރުބައްޔާއި ހޯމޯންގެ ބަލިތައް، ކަރުންމަތީގެ ބަލިތައް، އާންމު އޮޕަރޭޝަން، ކަށީގެ ބަލިތައް، ފުއްޕާމޭގެ ބަލިތައް އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ބަލިމީހުން ބައްލަވައި، ސިއްހީ ސްކްރީނިންގެ ހިދުމަތް ދީފައިވެ އެވެ.

ބަލިމީހުންނަށް ފަރުވާ ދިނުމުގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ގަމުގެ ދަރިވަރުންނަށް ހާއްސަ ސެޝަނެއް ވެސް މި ކޭމްޕްގެ ތެރެއިން ވަނީ ކުރިއަށްގެންގޮސްފަ އެވެ. ހަމައެއާއެކު، ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި މައުލޫމާތު ހިއްސާކުރުމުގެ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ވެސް ވަނީ ހިންގާފަ އެވެ.

މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި އަތޮޅުތަކަށް ބަހާލައިގެން ކުރިއަށްގެންދާ ސިއްހީ ހަރަކާތްތަކުގެ ތެރެއިން ބޭއްވި 18 ވަނަ މަލްޓި-ސްޕެޝަލިޓީ ކޭމްޕެވެ. މީގެ ކުރިން ވެސް އެ ހޮސްޕިޓަލުން ވަނީ މ.، ދ.، ތ.، ގއ.، ގދ.، ހއ.، ލ. އަދި ށ. އަތޮޅުގައި މިފަދަ ކާމިޔާބު ސިއްހީ ކޭމްޕްތަކެއް ބާއްވާފަ އެވެ.