ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޭރީގެ މަރުގެ މައްސަލަ: ބައިވެރިވިކަމުގެ ކުށް ލަމްހާގެ މައްޗަށް ސާބިތުވެއްޖެ

މޭރީގެ މަރުގެ މައްސަލަ: ބައިވެރިވިކަމުގެ ކުށް ލަމްހާގެ މައްޗަށް ސާބިތުވެއްޖެ

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިއަދު ސާބިތުކޮށްފިއެވެ.

މިއީ މީގެ ގާތްގަނޑަކަށް ފަސް އަހަރު ކުރިން ހިނގި މި ހާދިސާގައި ޝާމިލްވި ފަރާތްތަކަށް އަދަބު ކަނޑައެޅުމުގެ ކުރިން، ކޯޓުން ނިންމި މުހިންމު ނިންމުމެކެވެ. މޭރީ މަރާލިކަން އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ސާބިތުވެފައިވާއިރު، ލަމްހާގެ މައްޗަށް ކުށް ސާބިތުވީ އެ އަމަލުގައި ބައިވެރިވުމުގެ ކުށުގައެވެ.

މި މައްސަލައިގެ ހުކުމް އިއްވަމުން ކޯޓުން ވަނީ، މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާއާ ދެމެދު ދެކެވިފައިވާ ޗެޓް ލޮގްތަކަށް ރިއާޔަތްކޮށްފައެވެ. ފިލިޕީންސްގެ ގާނޫނުތައް ހުންނަ ގޮތުން ކައިވެނިކޮށްގެން ހުރެ އިތުރު ކައިވެންޏެއް ކުރެވެން ނެތުމުން، އެކަމާ ބެހޭގޮތުން އެ ދެމީހުންގެ މެދުގައި ރޭވުންތަކެއް ރޭވިފައިވާކަން ދައުލަތުން ހުށަހެޅި ހެކިތަކުން އެނގެން އޮތް ކަމަށް މިއަދުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

ލަމްހާއާ ދެކޮޅަށް ދައުލަތުން ވަނީ 100 އަށްވުރެ ގިނަ ހެކި ހުށަހަޅާފައެވެ. މީގެ ތެރޭގައި 74 މީހެއްގެ ހެކިބަހުގެ އިތުރުން، އައިޖީއެމްއެޗުން ހުއްދަނެތި ނަގާފައިވާ ކަމަށް ބުނާ ބާރުގަދަ ބޭސްތަކެއް ލަމްހާ ދިރިއުޅޭ ކޮޓަރިން ފެނުނު މައްސަލައިގެ ހެކިތައް ހިމެނެއެވެ. އެހެންކަމުން އޭނާގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަނުނަގާ ކުރުމުގެ ދައުވާ ވެސް ކޮށްފައިވެއެވެ.

ދިފާއުގައި ލަމްހާގެ ފަރާތުން 11 ހެކި ހުށަހެޅިއެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗްގެ ކުރީގެ އިސްވެރިންނާއި، މޭރީގެ ޕޯސްޓްމޯޓަމް ހެދި ބޭރުގެ ޑޮކްޓަރުންގެ އިތުރުން ތަހުގީގުގައި ބައިވެރިވި ބައެއް ފުލުހުންނާއި ނޫސްވެރިއަކު ވެސް ހިމެނެއެވެ. ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް ކޯޓުން ނިންމީ ލަމްހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

މިއީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، މޭރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔުމުން ފެށުނު މައްސަލައެކެވެ. އޭނާގެ މަރުގައި ޝައްކުތަކެއް ހުރުމުން ފިރިމީހާ ހައްޔަރުކޮށް، އެއަށްފަހު އެ އަހަރުގެ ޑިސެމްބަރު މަހު ލަމްހާ ވެސް ހައްޔަރުކުރިއެވެ. މި މައްސަލައިގައި ދެން އޮންނާނީ މާވިން އާއި ލަމްހާގެ މައްޗަށް އަދަބު ކަނޑައެޅުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހެވެ.