ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑިޖިޓަލް ބިލާ ދެކޮޅަށް އެމްޑީޕީން ދޮގު ފަތުރަނީ ކޮރަޕްޝަން ހުއްޓުވަން އުޅޭތީ: އަޝްރަގް

ޑިޖިޓަލް ބިލާ ދެކޮޅަށް އެމްޑީޕީން ދޮގު ފަތުރަނީ ކޮރަޕްޝަން ހުއްޓުވަން އުޅޭތީ: އަޝްރަގް

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާ ގުޅުވައިގެން އިދިކޮޅު އެމްޑީޕީން ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރަމުންދަނީ، އެ ބިލުގެ ސަބަބުން ދައުލަތުގެ ތެރޭގައި ހިންގާ ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމަށް މަގުފަހިވާތީ ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަގް ވިދާޅުވެއްޖެ އެވެ.

މެންބަރު އަޝްރަގް މިފަދައިން ވިދާޅުވީ، މި ބިލަކީ ކުރިއަށް އޮތް އިންތިޚާބުތަކުގައި "ވޯޓުން ވައްކަން ކުރުމަށް" ފުރުސަތު ހޯދުމުގެ ގޮތުން، އިލެކްޓްރޯނިކް ވޯޓިން ނުވަތަ އީ-ވޯޓިން ތައާރަފުކުރަން ގެންގުޅޭ އުކުޅެއް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޝްރަގް ވިދާޅުވީ، އިދިކޮޅު މެންބަރުން އެފަދަ ތުހުމަތުތަކެއް ކުރެއްވި ނަމަވެސް، މަޖިލީހަށް ހުށަހެޅިފައިވާ ބިލުގައި އީ-ވޯޓިންއާ ގުޅުންހުރި އެއްވެސް މާއްދާއެއް ނުވަތަ ވާހަކައެއް ހިމެނިފައި ނުވާނެ ކަމަށެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބިލަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ޚިދުމަތްތައް ލިބޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމަށްޓަކައި ގެންނަންޖެހޭ ޤާނޫނީ ބަދަލުތަކެއް ކަމަށެވެ.

އަޝްރަގް ތުހުމަތުކުރެއްވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ގަސްތުގައި މި ބިލާ މެދު ބޮޑެތި ދޮގުތަކެއް ހަދަމުންދަނީ، މިފަދަ ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ސަބަބުން ދައުލަތުގެ ތެރޭގައި ނާޖާއިޒު ފައިދާ ނެގުމާއި ކޮރަޕްޝަން ހިންގުމަށް އޮތް ޖާގަ މުޅިން ބަންދުވެގެންދާނެތީ އެވެ.

މި ބިލަށް ތާއީދުކުރައްވާ ސަރުކާރު ހިއްސާވާ އެހެން މެންބަރުންވެސް ވިދާޅުވަމުންދަނީ، ބިލުގެ ހަގީގީ މަޤްޞަދަކީ ދައުލަތުގެ އެންމެހައި ޚިދުމަތްތައް ހަރުދަނާ އުސޫލުތަކެއްގެ ދަށުން ޑިޖިޓަލްލައިޒްކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުން ކަމަށެވެ.